ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވޮޝިންޓަން (ޑިސެމްބަރު 20) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލެވިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްވީޓް ކުރައްވައިފި އެވެ.


ޓްރަމްޕުގެ ޓްވީޓަށް ފަހު ޕެންޓަގަނުން މިހާރު ވަނީ ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ނިންމައިފަ އެވެ. ސީރިއާގެ އުތުރާއި އިރުމަތީގެ ހިސާބުތަކުގައި އައިއެސް ބަލިކޮށްލުމުގެ ހަނގުރާމައިގައި އެމެރިކާގެ 2،000 ވަރަކަށް ސިފައިން ވަނީ އެހީތެރިވެދީފަ އެވެ. އެމެރިކާ ސިފައިން ގާއިމްވެ ތިބީ ސީރިއާގެ އުތުރުގެ ސިރިއަން ކުރުދީ އަދި އަރަބި ހަނގުރާމަވެރިން ގުޅިގެން އުފައްދާފައިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އަށް އެހީތެރިވެ ދިނުމަށެވެ.

ސީރިއާގެ ޓައުނެއްގައި އެމެރިކާ ސިފައިން ކުރުދީ ހަނގުރާމަވެރިންނާ އެކު. --ފޮޓޯ:ރޮއިޓާސް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ވިދާޅުވީ ސީރިއާގައި އައިއެސް ބަލިކޮށްލި ނަމަވެސް "ގްލޯބަލް ކޯލިޝަން"ގެ ކެމްޕޭން ނުނިމޭ ކަމަށެވެ. ސީރިއާ އިން އެމެރިކާ ސިފައިން ބާލާ ނިންމާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

ސީރިއާ އާއި އިރާގުން ބޮޑު ބައެއް ހިފުމަށް ފަހު އައިއެސްގެ ޚިލާފަތު އިއުލާން ކުރީ 2014 ވަނަ އަހަރު އެވެ. ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާފައި ވަނީ ރައްގާ އެވެ. އެމެރިކާ އިން ލަފާކޮށްފައިވާ ގޮތުގައި އައިއެސް އިން ވަނީ 100،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ މީހުން ކޮންޓްރޯލް ކުރި ސަރަހައްދުގައި އަށް މިލިއަން މީހުން ދިރިއުޅުނު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި އައިއެސް އިން އަހަރަކު އެއް ބިލިއަން ޑޮލަރު ހޯދަމުން ދިޔަ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އިރާގުގައި އައިއެސް ބަލިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.