ލަންކާގެ އާ ސަރުކާރުގެ ކެބިނެޓް ހުވާކޮށްފި

ކޮލަމްބޯ (ޑިސެމްބަރު 20) - ބޮޑު ވަޒީރުގެ މަގާމަށް ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ހަމަޖެއްސުމާ އެކު އެކުލަވާލި ލަންކާގެ އާ ސަރުކާރު މިއަދު ހުވާކޮށްފި އެވެ.


ރައީސްގެ ސެކްރެޓޭރިއަޓުގައި ބޭއްވި ރަސްމިއްޔާތުގައި 30 ވަޒީރުން ވަނީ ހުވާކޮށްފަ އެވެ. ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ރައީސް މައިތުރިޕާލާ ސިރިސޭނާ އެވެ. ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ހަވާލުވެވަޑައިގެންނެވީ ނޭޝަނަލް ޕޮލިސީސް، އިކޮނޮމިކް އެފެއާޒް މިނިސްޓަރުކަމާ އެވެ.

ކުރީގެ ސަރުކާރުގެ ވަޒީރުން ވެސް ވަނީ ކެބިނެޓުގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ފިނޭންސް އެންޑް މީޑިއާ މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި މަންގަލަ ސަމަރަވީރާ އާއި ކެބިނެޓުން ކުރިން ވަކިކުރި ރަވީ ކަރުނަނަޔަކަ ހިމެނެ އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަނުގެ ތުހުމަތު ކުރި ކަރުނަނަޔަކަ އަށް މި ފަހަރު ހަވާލުކޮށްފައި ވަނީ ޕަވާ، އެނާޖީ އެންޑް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމެވެ.

"ކެބިނެޓް އެކުލަވާލުން ލަސްވެފައި ވަނީ މީޑިއާ އާއި ޕޮލިސް ރައީސްގެ ކޮންޓްރޯލްގެ ދަށަށް ގެންނަން ބޭނުންވުމުން،" ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވި އެވެ.

ބޮޑު ވަޒީރުގެ މަގާމު ރަނިލް އަށް އަލުން ދީފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މަގާމަށް ރަނިލް ހަމަޖެއްސުމާ އެކު ވަނީ ލަންކާގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި 51 ދުވަހަށް ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސްފަ އެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ.

ރަނިލް އަށް ބޮޑު ވަޒީރުކަން ދެއްވަން ސިރިސޭނާ ތަކްރާރުކޮށް ދެކޮޅު ހެއްދެވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ސިރިސޭނާގެ ނިންމެވުން ވަނީ ބަދަލު ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ވެސް ސުޕްރީމް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ.

ސިރިސޭނާ ވިދާޅުވީ ބޮޑު ވަޒީރުކަން ރަނިލް އަށް ދޭން ޖެހޭނެ ކަމަށް އަދިވެސް ގަބޫލް ނުކުރައްވާ ކަމަށެވެ.

"އެކަމަކު ޕާލަމެންޓުގެ އަޣުލަބިއްޔަތަށް ބޯލެނބުމުގެ ގޮތުން މަގާމު ދިނީ،" ސިރިސޭނާ ވިދާޅުވި އެވެ. "ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދެވޭނީ ކިހާވަރަކަށް ކަމެއް ނޭނގޭ."