ވިސާ ދިނުން ލަސްކުރި މަންމަ އެންމެ ފަހުން ކެލިފޯނިއާ އަށް

ކެލިފޯނިއާ (ޑިސެމްބަރު 20) - ވެންޓިލޭޓަރުގައި އޮތް ބަލި ކުއްޖާ ދެކިލުމަށް އެމެރިކާ އަށް ދިއުމަށް އެތައް މަސައްކަތެއް ކުރި ނަމަވެސް ވިސާ ދޭން ދެކޮޅު ހެދުމަށް ފަހު އެންމެ ފަހު ވަގުތު ވިސާ ދިން އެ ކުއްޖާގެ ޔަމަންގެ މަންމަ ކެލިފޯނިއާ އަށް މިއަދު ހިނގައްޖެ އެވެ.


ޝައިމާ ސްވިލޭހް ސެން ފްރެންސިސްކޯ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު ހެޔޮ އެދޭ އެތައް ބަޔަކު އޭނާ އަށް ވަނީ މަރުހަބާ ކިޔައިފަ އެވެ. ޝައިމާ އަށް ސްޓޭޓް ޑިޕާޓްމަންޓުން ވިސާ ދިނީ އަންގާރަ ދުވަހު ހެނދުނެވެ. ވިސާ ދިނީ އެތައް ބަޔަކު އެކަމަށް އެދި އާދޭސް ކުރުމުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ރޮބާޓް ޕަލާޑިނޯ ވިދާޅުވީ ގާނޫނުގެ ސަބަބުން، ވިސާ ދިނުމަށް އެ މީހުންގެ އަތްތައް ވަނީ ތަޅުލެވިފައި ކަމަށެވެ.

ޝައިމާ ސްވިލޭހް އަށް އެމެރިކާ އަށް ދިއުމުގެ ވިސާ ނުދީ ހިފެހެއްޓީ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި "މުސްލިމް ބޭން" ލިސްޓުގައި ޔަމަން ހިމެނޭތީ އެވެ. ސްވިލޭހްގެ ފިރިމީހާ އަލީ ހަސަން އަކީ އެމެރިކާގެ ރައްޔިތެކެވެ. އެ ދެމަފިރިންގެ ދެ އަހަރުގެ ދަރިފުޅު އަބްދުﷲ ހަސަން އަށް ޖެހިފައި ވަނީ ސިކުނޑީގެ ނުރައްކާތެރި ބައްޔެކެވެ.

ޝައިމާ ސްވިލޭހް އާއި އަލީ ހަސަން ފުރަތަމަ ވެސް ދިމާވެ ކައިވެނިކުރީ ޔަމަނުގަ އެވެ. އެ މީހުންގެ ދަރިފުޅު އަބްދުﷲ އުފަންވީ ވެސް ޔަމަނުގަ އެވެ. ދަރިފުޅާ އެކު ސްވިލޭހް މިސްރަށް ދިޔައީ އެ ކުއްޖާގެ އުމުރުން އަށް މަހުގަ އެވެ. އެއީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވުމުންނެވެ. ދަރިފުޅު އެމެރިކާ އަށް ގެންދިއުމުގެ ހުއްދަ ގާހިރާގައި ހުންނަ އެމެރިކާ އެމްބަސީން ދިނެވެ.

އެމެރިކާ އަށް ވަނުން މަނާ ކޮށްފައި ވަނީ ޔަމަނުގެ އިތުރުން އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ނޯތު ކޮރެއާ މީހުންނެވެ. އަަދި ވެނެޒުއެލާގެ ބައެއް މީހުން ވެސް ވަނީ މަނާކޮށްފަ އެވެ.