އަފްޣާނިސްތާނުން ވެސް އެމެރިކާ ސިފައިން ބާލަނީ

ވޮޝިންޓަން (ޑިސެމްބަރު 21) - އަފްޣާނިސްތާނުން އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު ބާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަފްޣާނިސްތާނުން އަނބުރާ ގެންދަނީ ގާތްގަނޑަކަށް 7،000 ވަރަކަށް ސިފައިންނެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލަން އުޅޭކަމުގެ ރިޕޯޓްތައް އާއްމުވެފައި މި ވަނީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިން ބާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނިކޮށެވެ.

އޮފިޝަލުން ބުނާ ގޮތުގައި އަފްޣާނިސްތާނުން އެމެރިކާ ސިފައިންގެ އަދަދު މަދުކޮށްފި ނަމަ ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަ ކުރާނެ އެވެ. ތާލިބާނުން ދާދި ފަހުން ވަނީ ސަރުކާރާއި ސިފައިންގެ އަމާޒުތަކަށް ބޮމުގެ ހަމަލާތައް ދިނުން އިތުރުކޮށްފަ އެވެ.

ތާލިބާނުން ވަނީ 1996-2001 އަށް އަފްޣާނިސްތާނުގައި ވެރިކަން ކޮށްފަ އެވެ. ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، 2001 ވަނަ އަހަރުން ފެށިގެން އެމެރިކާ ސިފައިން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންނެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ ކޮމްބެޓް އޮޕަރޭޝަން ރަސްމީކޮށް ނިންމާލާފައި ވަނީ 2014 ވަނަ އަހަރު އެވެ.