ސައުދީ ރަސްގެފާނުގެ ބޭބޭފުޅު ތަލާލް އަވަހާރަވެއްޖެ

ރިޔާޒް (ޑިސެމްބަރު 22) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ބޭބޭފުޅު ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒް މިއަަދު އަވަހާރަވެއްޖެ އެވެ.


އުމުރުފުޅުން 87 އަހަރުގައި ޕްރިންސް ތަލާލް އަވަހާރަވިކަން ދަރިކަލުން ޕްރިންސް އަބްދުލް އަޒީޒް ބިން ތަލާލް ޓްވިޓާ މެދުވެރި ކުރައްވާ މިއަދު ވަނީ އާއްމު ކުރައްވައިފަ އެވެ. ޕްރިންސް ތަލާލް އަކީ ސައުދީ ބިލިއަނަރު ޕްރިންސް ވަލީދުގެ ބައްޕާފުޅު ވެސް މެ އެވެ.

ޕްރިންސް ތަލާލް ވަނީ 1950 އަދި 1960ގެ އަހަރުތަކުގައި ސައުދީ އަރަބިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ފިނޭސް މިނިސްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ޕްރިންސް ތަލާލް ވަނީ ސައުދީގެ އެތައް ކުދިންނަކަށް ތައުލީމީ ސްކޮލާޝިޕްތައް ދެއްވައިފަ އެވެ. އަދި ޕްރިންސް ތަލާލް އަކީ ސައުދީގައި 1954 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހުޅުވި ވޮކޭޝަނަލް ޓްރޭނިން ސްކޫލްގެ ބާނީ އެވެ. އަދި ރިޔާޒުގައި 1957 ވަނަ އަހަރު ހުޅުވި އަންހެން ކުދިންގެ ފުރަތަމަ ސްކޫލްގެ ބާނީ ވެސް މެ އެވެ.

ޕްރިންސް ތަލާލް އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ. ސައުދީ ޝާހީ އާއިލާ ރިފޯމް ކުރުމަށް ތާއީދު ކުރެއްވި ޕްރިންސް ތަލާލް 1960ގެ އަހަރުތަކުގެ ފަހުކޮޅު ދިރިއުޅުއްވީ ގައުމުން ބޭރުގަ އެވެ. ނަމަވެސް ފަހުން ވަނީ ސައުދީ އަށް ވަޑައިގެންފަ އެވެ.