ޓްރަމްޕުގެ ކެމްޕޭން ޗެއާމަން އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (އޮގަސްޓް 19) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން ޗެއާމަން ޕޯލް މަނަފޯޓް އިސްތިއުފާ ދެއްވައިފި އެވެ.


ޕޯލް އިސްތިއުފާ ދެއްވިއިރު އުމުރުން 67 އަހަރުގެ ސިޔާސީ ތަޖްރިބާކާރާއި ޔުކްރޭނުގެ ކުރީގެ ރައީސް ވިކްޓާ ޔަނުކޯވިޗާ ގުޅުން އޮތް މައްސަލާގައި އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ނިއުކް ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަނުކޯވިޗުގެ ކެމްޕޭނަށް އެހީވުމުން ޔުކްރޭން ސަރުކާރުން ޕޯލަށް 12 މިލިއަން ޑޮލަރު ދިންކަން ފަޅާއަރާފައިވެ އެވެ. ނަމަވެސް ޕޯލް ވަނީ އޭނާ އެއްވެސް ކޮރަޕްޝަނެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޔަނުކޯވިޗަކީ ރަޝިޔާގެ ވަރަށް ގާތް ފަރާތެކެވެ. އޭނާ އިސްތިއުފާ ދެއްވީ ޓްރަމްޕުގެ ކެމްޕޭން ޓީމަށް ގެންނަމުންދާ ބަދަލުތަކުގައި ކުޑަކޮށް އެއްފަރާތްކޮށްލާފައި ވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ކެމްޕޭން މިހާ ހިސާބަށް އައުމުގައި ޕޯލް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޓްރަމްޕުގެ ކެމްޕޭން ޗެއާމަންކަމާ ޕޯލް ހަވާލުވެވަޑައިގެންނެވީ ކުރީގެ ކެމްޕޭން މެނޭޖަރު ކޯރޭ ލެވަންޑޮސްކޯ މިދިޔަ ޖޫން މަހު މަގާމުން ވަކިކުރުމުންނެވެ. މިދިޔަ ބުދަ ދުވަހު ވެސް ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭން ޓީމަށް ބަދަލު ގެނެސްފަ އެވެ. ކެމްޕޭން މެނޭޖަރަކަށް އެންމެ ފަހުން ހަމަޖެއްސީ ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ކެލީއަނީ ކޮންވޭ އެވެ. އަދި ކެމްޕޭނުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހަމަޖައްސާފައި ވަނީ ބްރެއިޓްބާޓް ނިއުސްގެ އެގްޒެކެޓިވް ޗެއާމަން ސްޓެފަން ބެނޮން އެވެ. މިއީ އޭނާގެ ކެމްޕޭން ޓީމު ދެ މަސް ދުވަސް ތެރޭ ބަދަލުކުރި ދެ ވަނަ ފަހަރެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ