ދަރިވަރުގެ މަރުގެ ބަދަލުގައި 500 މިލިއަން ޑޮލަރު ދޭން ނޯތު ކޮރެއާ އަށް އަންގައިފި

ވޮޝިންޓަން (ޑިސެމްބަރު 26) - އެމެރިކާގެ ވާޖީނިއާ ޔުނިވާސިޓީގެ ދަރިވަރު އޮޓޯ ވާމްބިއާގެ މަރުގެ ބަދަލުގައި ނޯތު ކޮރެއާ އިން ދަރިވަރުގެ މައިންބަފައިންނަށް 500 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން އަންގައިފި އެވެ.


ފަނޑިޔާރު ވިދާޅުވީ ނޯތު ކޮރެއާގެ ފަރާތުން ބޮޑު އަދަދެއް ނެގުމަށް އެދުނީ ދަރިވަރަށް ދިން އަނިޔާ އަށް އެ ގައުމު ޒިންމާ ކުރުވައި އަދި އަދަބު ދިނުމުގެ ގޮތުން ކަމަށެވެ.

ވާމްބިއާގެ އާއިލާ އިން އެދިފައި ވަނީ މަރުގެ ބަދަލެއްގެ ގޮތުން އެއް ބިލިއަން ޑޮލަރު ނަގައިދިނުމަށެވެ. ވާމްބިއާގެ އާއިލާގެ ވަކީލް ވިދާޅުވެފައި ވަނީ އެހާ ބޮޑު އަދަދެއް ނެގުމަށް އެދުނީ އެމެރިކާ ރައްޔިތުން ނޯތު ކޮރެއާ އިން ރަހީނު ނުކުރުމަށް ދޭ މެސެޖެއްގެ ގޮތުން ކަމަށެވެ.

ވާމްބިއާގެ މަރަށް ފަހު އެމެރިކާ ސަރުކާރުން ވަނީ ނޯތު ކޮރެއާ އަކީ ސްޓޭޓް ސްޕޮންސާޑް ޓެރަރިސްޓް ގައުމެއް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެމެރިކާގެ ކޯޓެއްގައި ނޯތު ކޮރެއާއާ ދެކޮޅަށް ދައުވާ ކުރެވުނީ އެހެންވެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހު ނޯތު ކޮރެޔާ އިން ހައްޔަރުކޮށް 15 އަހަރަށް ޖަލަށްލި ވާމްބިއާ މިދިޔަ އަހަރުގެ ޖޫން މަހު ނޯތު ކޮރެއާ އިން ދޫކޮށްލި އިރު އޮތީ ކޯމާއެއްގަ އެވެ. އެމެރިކާ އަށް ގެންގޮސް ފަރުވާ ދެނިކޮށް އުމުރުން 22 އަހަރުގެ ދަރިވަރު ވަނީ ހަފުތާއެއްގެ ތެރޭގައި މަރުވެފަ އެވެ.

ނޯތު ކޮރެޔާ އިން ބުނާ ގޮތުގައި އޭނާ ޖަލަށް ލުމާ އެކު ކޮމާއަކަށް ދިޔައީ ބޮޓުލިޒަމްގެ ސަބަބުންނެވެ. އެކަމަކު ޓެސްޓްތަކަށް ފަހު އެމެރިކާގެ ޑޮކްޓަރުން ބުނީ ބޮޓުލިޒަމްގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ. ޖަރާސީމަކުން ޖެހޭ ބޮޓޫލިޒަމްގެ ސަބަބުން ބައެއް ފަހަރަށް މީހާ ޕެރަލައިޒްވެ އެވެ.

ޓޫރިސްޓެއްގެ ގޮތުގައި ނޯތު ކޮރެޔާ އަށް ދަތުރުކުރި ޒުވާނާ ޗުއްޓީ އަށް ފަހު ފުރަންވެގެން އެއާޕޯޓްގައި ހުއްޓާ ހައްޔަރުކުރީ، އޭނާ ހުރި ހޮޓަލުގައި ހަރުކޮށްފައިވާ ލިއުމެއް ވަގަށް ނަގައިގެން ގެންދަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ބުރަ މަސައްކަތާ އެކު 15 އަހަރަށް ޖަލަށް ލާން ހުކުމްކުރުމުގެ ކުރިން ނޯތު ކޮރެޔާގެ މީޑިއާ ކުރިމަތީގައި، ރޮމުން އޭނާގެ ކުށަށް އިއުތިރާފްވެ، މައާފަށް އެދުނެވެ.

ނޯތު ކޮރެޔާ އިން ގެންދިއުމަށް ފަހު ވާމްބިއާ އަށް ފަރުވާ ދެމުން ދިޔަ އެމެރިކާގެ ޑޮކްޓަރުން ލަފާކުރާ ގޮތުގައި ވާމްބިއާގެ ސިކުނޑި އަށް ގެއްލުން ލިބުނީ އޮކްސިޖަން މަދުވެގެން ނޭވާލާ ނިޒާމަށް ކުރިމަތިވި މައްސަލައެއްގަ އެވެ.