ލަންކާގެ ކަށްވަޅަކުން އިންސާނުންގެ ގިނަ އަދަދެއްގެ ކަށި ފެނިއްޖެ

ކޮލަމްބޯ (ޑިސެމްބަރު 29) - ސްރީ ލަންކާގެ ކަށްވަޅަކުން އިންސާނުންގެ 278 ކަށިގަނޑު ފެނިފައިވާ ކަމަށް ތަހުގީގު ޓީމަކުން ބުނެފި އެވެ.


މިއީ ލަންކާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން ފެނުނު މިހާ ގިނަ އަދަދެއްގެ ކަށިތަކެވެ.

ލަންކާގެ އުތުރުގެ މަންނާރު ސިޓީގެ ޖުޑީޝަލް މެޑިކަލް އޮފިސަރެއް ކަމަށްވާ ސަމިންދުރަ ރާޖަޕަކްސާ ވިދާޅުވީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ފަހު ދުވަސްވަރު ވަނީ އެތައްް ބަޔަކު މަރާ ވަޅުލާފައި ކަމަށެވެ.

އިންސާނުންގެ ކަށިތައް ފުރަތަމަ ފެންނަން ފެށީ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މާޗް މަހު އެވެ.

"ގާތްގަނޑަކަށް 118 ދުވަހުގެ މަސައްްކަތަށް ފަހު 278 އިންސާނެއްގެ ކަށިގަނޑު ވަނީ ހޯދިފައި. މީގެ ތެރޭން 20 އަކީ ކުޑަ ކުދިންގެ ކަށިގަނޑު،" ރާޖަޕަކްސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަށިގަނޑުތަކުގެ އިތުރު ފޮރެންސިކް ތަހުލީލްތައް ކުރާނެ ކަމަށެވެ.

ލަންކާގައި ގާތްގަނޑަކަށް 40 އަހަރަށް ދެމިގެން ދިޔަ މަދަނީ ހަނގުރާމައިގައި މަންނާރަކީ އެންމެ ބޮޑަށް ހަމަލާ ބަދަލުކުރި ސިޓީ އެވެ. ސަރުކާރުން އައްޔަން ކުރި ޕެނަލަކުން 2013 ވަނަ އަހަރު ބުނެފައި ވަނީ ހަނގުރާމައިގައި 19،000 މީހުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 5،000 ސިފައިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަނގުރާމައިގައި ގެއްލުނު މީހުންނާ ބެހޭ މައުލޫމާތު ހޯދުމަށް އުފައްދާފައިވާ އޮފިސް އޮން މިސިން ޕާސަންސް (އޯއެމްޕީ) އިން ބުނެފައި ވަނީ ފެނުނު ކަށިތަކުގެ ކާބަން ޑޭޓިން ހެދުމުގެ ޚަރަދު ދޭނެ ކަމަށެވެ. ބައެއް ކަށިތައް ވަނީ ރޭޑިއޯ ކާބަން ޑޭޓިން ހެދުމަށް ގައުމުން ބޭރަށް ފޮނުވާ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ. މި ތަހުލީލުތަކަށް ފަހު، އެއީ ކޮން ދުވަސްވަރެއްގައި މަރާފައިވާ ބައެއްކަން އެނގޭނެ އެވެ.