އިންތިޚާބު ދުވަހު ބަންގްލަދޭޝްގެ ޓީވީ ސްޓޭޝަނެއް ބަންދުކޮށްފި

ޑާކާ (ޑިސެމްބަރު 30) - ބަންގްލަދޭޝްގައި މިއަދު ވޯޓުލަމުންދަނިކޮށް ޕްރައިވެޓް ޓީވީ ސްޓޭޝަނެއް ބަންދުކޮށްފި އެވެ.


ބަންގްލަދޭޝް ޖަމުނާ ޓީވީން ބުނީ އެ ސްޓޭޝަން ބަންދުކުރި ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓްރާންސްމިޝަން ހުއްޓައެއް ނުލަން. އެކަމަކު ބަންގްލަދޭޝްގެ އެއްވެސް މީހަކަށް މި ޗެނަލެއް ނުފެންނާނެ. ކޭބަލް އޮޕަރޭޓަރުން ވަނީ ޚިދުމަތް ކަނޑާލާފައި،" ޖަމުނާ ޓީވީގެ ޗީފް ނިއުސް އެޑިޓަރު ފާހިމް އަހުމަދު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ކޭބަލް އޮޕަރޭޓަރު ބުނެފައި ވަނީ ޖަމުނާ ޓީވީގެ ޚިދުމަތް ކަނޑާލަން ޖެހުނީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް ޓެކްނިކަލް ކަމެއްގައި ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޖަމުނާ ގްރޫޕުން ހިންގާ މި ސްޓޭޝަން މަޝްހޫރުވެފައި ވަނީ ވަކި ފަރާތަކަށް ނުޖެހި ޚަބަރު ގެނެސްދޭތީ އެވެ. އެ ކުންފުނިން ނޫހެއް ވެސް ހިންގަ އެވެ. އެ ވިޔަފާރި ކުންފުނީގެ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެ އެވެ. އޭނާ ވާދަކުރަނީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓަކާ ދެކޮޅަށެވެ.

ބަންގްލަދޭޝްގައި 3ޖީ އަދި 4ޖީގެ ޚިދުމަތް ވެސް މިރޭ 12އާ ހަމައަށް ވަނީ ކަނޑާލައިފަ އެވެ.

އިންތިޚާބަށް ނުފޫޒް ފޯރުވުމުގެ މަސައްކަތް ކުރާކަމުގެ ތުހުމަތު ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރަށް ވަނީ ކޮށްފަ އެވެ.

އިންތިޚާބާ ގުޅުން ހުރި ހަމަނުޖެހުންތަކުގައި މިއަދު ވަނީ ހަތް މީހުން މަރުވެފަ އެވެ.