އެމެރިކާ ވިސާ ނުދޭން ލަސްކުރި މަންމަގެ ދަރިފުޅު މަރުވެއްޖެ

ކެލިފޯނިއާ (ޑިސެމްބަރު 31) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ "މުސްލިމް ބޭން"ގެ ދަށުން އެމެރިކާ ވިސާ ދިނުން ލަސްކުރި ޔަމަނުގެ މަންމަގެ ދެ އަހަރުގެ ދަރިފުޅު ކެލިފޯނިއާގައި މަރުވެއްޖެ އެވެ.


ޔަމަނުގެ މަންމަ ޝައިމާ ސްވިލޭހްގެ ފިރިމީހާ އަލީ ހަސަން އަކީ އެމެރިކާގެ ރައްޔިތެކެވެ. އެ ދެމަފިރިންގެ ދެ އަހަރުގެ ދަރިފުޅު އަބްދުﷲ ހަސަން އަށް ޖެހިފައި ވަނީ ސިކުނޑީގެ ނުރައްކާތެރި ބައްޔެކެވެ. އެހެންވެ އެ މީހުން މިސްރުގައި ދިރިއުޅުމަށް ފަހު ކުއްޖާގެ ފަރުވާ އަށް ބަދަލުވީ އެމެރިކާ އަށެވެ. ސްވިލޭހް އަކީ ޔަމަންގެ ރައްޔިތަކަށްވުމުން އޭނާ އަކަށް އެމެރިކާ ވިސާ ނުލިބުނެވެ. ވެންޓިލޭޓަރުގައި އޮތް ދަރިފުޅު ދެކިލުމަށް ދާން އެތައް މަސައްކަތެއް ކުރި ފަހުން ސްވިލޭހަށް ވިސާ ލިބުނީ މި މަހު 19 ވަނަ ދުވަހު އެވެ.

ޝައިމާ ސްވިލޭހް އާއި އަލީ ހަސަން ފުރަތަމަ ވެސް ދިމާވެ ކައިވެނިކުރީ ޔަމަނުގަ އެވެ. އެ މީހުންގެ ދަރިފުޅު އަބްދުﷲ އުފަންވީ ވެސް ޔަމަނުގަ އެވެ. ދަރިފުޅާ އެކު ސްވިލޭހް މިސްރަށް ދިޔައީ އެ ކުއްޖާގެ އުމުރުން އަށް މަހުގަ އެވެ. އެއީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވުމުންނެވެ. ދަރިފުޅު އެމެރިކާ އަށް ގެންދިއުމުގެ ހުއްދަ ގާހިރާގައި ހުންނަ އެމެރިކާ އެމްބަސީން ދިނެވެ.

އެމެރިކާ އަށް ވަނުން މަނާ ކޮށްފައި ވަނީ ޔަމަނުގެ އިތުރުން އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ނޯތު ކޮރެއާ މީހުންނެވެ. އަަދި ވެނެޒުއެލާގެ ބައެއް މީހުން ވެސް ވަނީ މަނާކޮށްފަ އެވެ.