ބަންގްލަދޭޝްގެ އިންތިޚާބަކީ ޑިމޮކްރެސީ އަށް ކުރި މަލާމާތެއް: އިދިކޮޅު ޕާޓީ

ޑާކާ (ޖެނުއަރީ 2) - ބަންގްލަދޭޝްގައި އާދިއްތަ ދުވަހު ބޭއްވި އިންތިޚާބަކީ ޑިމޮކްރެސީ އަށް ކުރި މަލާމާތެއް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފި އެވެ.


ޕާޓީގެ ޖެނެރަލް ސެކްރެޓަރީ މިރްޒާ ފަޚްރުލް އިސްލާމް އަލަމްގިރު ވިދާޅުވީ އާއްމު އިންތިޚާބަކީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމަށެވެ.

ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އަވާމީ ލީގުން ވަނީ އެ ޕާޓީ ވާދަކުރި 298 ގޮނޑީގެ ތެރޭން 288 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ ވަނީ ޕާލަމެންޓުގެ ގޮނޑީގެ 96 ޕަސެންޓް ހޯދައިފަ އެވެ.

"އިންތިޚާބު ބޭއްވި ދުވަހުގެ ކުރީ ރޭ ވަނީ ވޯޓު ފޮށިތަކަށް ވޯޓުލާ ނިންމާފައި. އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް،" އަލްމްގިރް ވިދާޅުވި އެވެ.

ބީއެންޕީން ބުނެފައި ވަނީ ވޯޓުގައި މަކަރު ހަދާފައި ވަނީ ސަރުކާރުގެ އެޖެންސީތަކާއި ފުލުހުން އަދި ސަލާމަތީ އެހެން ފަރާތްތައް ގުޅިގެން ކަމަށެވެ. އެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުންދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިއީ ޑިމޮކްރެސީ އަށް ކުރި ބޮޑު މަލާމާތެއް. ޑިމޮކްރެސީގެ މަގަށް ރުޖޫއަވުމަށް ބަންގްލަދޭޝް އަށް ލިބުނު ފުރުސަތެއް މިވަނީ ގެއްލުވާލައިފައި،" ބީއެންޕީން ގޮނޑި ކާމިޔާބުކުރި ހަތް މެންބަރުންގެ ތެރޭގައި ހިމެނޭ އަލަމްގިރް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި އިންތިޚާބު ބޭއްވި ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ 19 މީހުން މަރުވެފަ އެވެ.

ބަންގްލަދޭޝްގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ވެސް ބީއެންޕީން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެކަމަކު ބީއެންޕީން ފެބްރުއަރީ 1996 ގައި ބޭއްވި އިންތިޚާބުގައި ވަނީ ޕާލަމެންޓުގެ 278 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެފަހަރު އެހެން ޕާޓީތަކުން ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ.