ލަންކާގެ ސައިޓްތަކުގައި ޗައިނާ ބަހުގެ ބޯޑުތައް ބޭނުންކުރާތީ ޝަކުވާ ކޮށްފި

ކޮލަމްބޯ (ޖެނުއަރީ 2) - ސްރީ ލަންކާގައި ޗައިނާ އިން ހިންގާ ޕްރޮޖެކްޓްތަކުގެ ސައިޓްތަކުގައި ލަންކާގެ ރަސްމީ ބަސްތައް ކަމަށްވާ ސިންހަޅަ އަދި ތަމަޅަ ބަހުގެ ބަދަލުގައި ޗަައިނާ ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ބޯޑުތައް ބަހައްޓާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.


ނޭޝަނަލް އިންޓަގްރޭޝަން، އޮފިޝަލް ލެންގުއޭޖަސް، ސޯޝަލް ޕްރޮގްރެސް އެންޑް ހިންދޫ ރިޖިޖަސް އެފެއާޒް މިނިސްޓަރު މަނޯ ގަނެސަން ވިދާޅުވީ ލަންކާގެ މާދަރީ ބަސް ބޭނުން ކުރުމުގެ ގަވާއިދުތަކާ ޚިލާފުވާން ދޫކޮށްނުލާނެ ކަމަށެވެ. އަދި ޗައިނާ އެމްބަސީއާ ގުޅިގެން އެކަން ރަނގަޅު ކުރުމަށް އެހީވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ގަނެސަން ވިދާޅުވީ ޗައިނާގެ ސައިޓްތަކުގައި ޗައިނާ ބަހުގެ ބޯޑުތައް ބޭނުން ކުރާތީ އެކަމުގެ ޝަކުވާ ލިބެން ފެށުމުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

"ލަންކާގައި އުޅޭ ޗައިނާ މީހުން ވެސް ލަންކާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ކިޔަމަންވާން ވާނެ. ޗައިނާގެ ޕްރޮޖެކް ސައިޓްތަކުގައި ހުންނަ ބޯޑުތަކުގެ ޝަކުވާ ލިބެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ލަންކާގައި ހިންގާ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ވަނީ ބޮޑެތި ލޯނުތައް ދީފަ އެވެ. އަދި ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަނީ ޗައިނާގެ ކުންފުނިތަކުންނެވެ.