ސީރިއާގެ ކުޑަ ކުއްޖާ އުމްރާންގެ ބޭބެ މަރުވެއްޖެ

ދިމިޝްގު (އޮގަސްޓް 21) - ސީރިއާ އަށް ދިން ވައިގެ ހަމަލާތަކެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުން ނެރުނު ލެ އާއި ހިރަފުހުން ތަތްތެޅިފައިވާ ކުޑަ ކުއްޖާ އުމްރާން ދަގްނީޝްގެ ބޭބެ އަލީ ދަގްނީޝް މަރުވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފި އެވެ.


ސީރިއާ ސޮލިޑާރިޓީ ކެމްޕޭނުން ބުނީ އުމުރުން 10 އަހަރުގެ އަލީ މަރުވީ ރަޝިޔާ އާއި ސީރިއާގެ ވައިގެ ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ހަލަބު ސިޓީގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަމާޒުތަކަށް ރަޝިޔާ އާއި ސީރިއާ ސަރުކާރު ސިފައިން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.

އުމުރުން ފަސް އަހަރުގެ އުމްރާން އެމްބިއުލަންސްގައި އިން އިރު އެ ކުއްޖާގެ މޫނުގެ ވާތްފަރާތް ވަނީ ލެއިން ތަތްތެޅިފަ އެވެ. އިރުއިރުކޮޅާ އެ ކުއްޖާގެ މޫނު ފުހެލުމަށް ފަހު އަތަށް ބަލާލަ އެވެ. މި ފޮޓޯ ފެނިފައި އެތައް ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ.

ސީރިއާގެ ހަލަބު ސިޓީ އަށް ދިން ވައިގެ ހަމަލާގައި އިމާރާތެއްގެ ދަށުން ނެރުނު ޒަޚަމްވެފައިވާ ތުއްތު ކުއްޖާ އެމްބިއުލެންސްގައި އިށީނދެލައިގެން. --ފޮޓޯ: ހަލަބު މީޑީއާ ސެންޓަރު

ހަލަބު ސިޓީގެ ބައެއް މީހުން ރޮއިޓާސް އަށް ބުނީ އަލީ ދަގްނީޝް މަރުވީ އޭނާގެ އެތެރެހައްޓަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ. އޭނާ ޒަޚަމްވީ މި މަހު 17 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކުގަ އެވެ.

މެދުއިރުމަތީގެ ރިޕޯޓަރެއް ކަމަށްވާ ކަރީމް ޝާހީން ކުރި ޓްވީޓެއްގައި ބުނީ އަލީ މަރުވީ އޭނާގެ ކޮއްކޮ އުމްރާން ދަގްނީޝް ޒަޚަމްވި ހަމަލާގައި އަލީ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ކަމަށެވެ.

އެއް ޒަމާނެއްގައި ސީރިއާގެ ވެރިރަށުގެ ގޮތުގައި ބެލެވުނު ހަލބު ސިޓީގެ ހުޅަނގުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އޮތީ ސަރުކާރު ސިފައިންގެ ބާރުގެ ދަށުގަ އެވެ. އަދި އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ކޮންޓްރޯލް ކުރަނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނެވެ.