އެމެރިކާއާ ކައިރިއަށް އީރާންގެ މަނަވަރުތައް ފޮނުވަނީ

ތެހެރާން (ޖެނުއަރީ 5) - މާޗު މަހުން ފެށިގެން އީރާނުގެ މަނަވަރުތައް އެމެރިކާއާ ކައިރި އަށް، އެޓްލާންޓިކަށް ފޮނުވާނެ ކަމަށް އެ ގައުމުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.


ގަލްފުގައި އެމެރިކާގެ މަނަވަރުތައް ހަރަކާތްތެރިވާތީ އީރާނުން ވަނީ އެއީ ސަލާމަތީ ގޮތުން އޮތް ބިރެއް ކަމަށް ބުނެ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމެރިކާއާ ކައިރި އަށް އީރާނުގެ މަނަވަރުތައް ފޮނުވަނީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ޑިޕިއުޓީ ކޮމާންޑަރު ރިއާ އެޑްމިރަލް ތޫރާޖް ހަސަނީ ވިދާޅުވީ އެމެރިކާ ހިމެނޭ ސަރަހައްދަށް މަނަވަރުތައް ފޮނުވަން ފަށާނީ މާޗު މަހު ފާހަގަ ކުރާ އީރާނުގެ އާ އަހަރަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެޓްލާންޓިކަށް ފޮނުވާ މަނަވަރުގެ ލަޝްކަރުގައި އީރާނުން ދާދި ފަހުން އުފެއްދި ސަހާންދު މަނަވަރު ހިމެނޭނެ ކަމަށެވެ. އެއީ ހެލިކޮޕްޓަރު ޑެކެއްގެ އިތުރުން އެންޓި-އެއާކްރާފްޓް އަދި އެންޓި-ޝިޕް ގަން ހަރުކޮށްފައިވާ މަނަވަރެކެވެ.

އީރާނުގެ ދެ ތިން މަނަވަރު ވެނެޒުއެލާ އަށް ފޮނުވާނެ ކަމަށް ވެސް ހަސާނީ ވަނީ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.

އީރާނާއި އެމެރިކާ އިން ފަހަކަށް އައިސް ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.