އެެމެރިކާ އިން ކާބަންޑައި އޮކްސައިޑް ބޭރުކުރި މިންވަރު މައްޗަށް

ވޮޝިންޓަން (ޖެނުއަރީ 9) - އެމެރިކާ އިން ކާބަންޑައި އޮކްސައިޑް ބޭރު ކުރި މިންވަރު ތިން އަހަރު ދަށްވެފައި އޮތުމަށް ފަހު މިދިޔަ އަހަރު 3.4 ޕަސެންޓް އިތުރުވެއްޖެ އެވެ.


ވަކި ފަރާތަކަށް ނުޖެހޭ ރިސާޗް ފާމެއް ކަމަށްވާ ރޯޑިއަމް ގްރޫޕުން ބުނެފައި ވަނީ މިއީ ވޭތުވެދިޔަ އަށް އަހަރު ތެރޭ އެމެރިކާ އިން އެންމެ ގިނައިން ކާބަން ޑައިއޮކްސައިޑް ޖައްވަށް ބޭރުކުރި އަހަރު ކަމަށެވެ. މި ޑޭޓާތައް ދައްކާ ގޮތުން ޕެރިސް ތިމާވެށި އެއްބަސްވުމުގައިވާ ގޮތަށް 2025 ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާ އިން ވައުދުވެފައިވާ ލަނޑުދަނޑި ހާސިލެއް ނުކުރެވޭނެ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު ސޮއިކުރި ޕެރިސް އެއްބަސްވުމުގައި އެމެރިކާ އިން ވަނީ ވިހަ ގޭސް ބޭރުކުރާ މިންވަރު 2025 އާ ހަމައަށް ދާއިރު މަދުވެގެން 26 ޕަސެންޓަށް ދަށްކުރަން އެއްބަސްވެފަ އެވެ. އޭގެ މާނައަކީ ކުރިއަށް އޮތް ހަތް އަހަރު ތެރޭ ހަކަތައާ ގުޅޭ ކާބަން ބޭރު ކުރާ މިންވަރު އަހަރަކު އެވްރެޖްކޮށް 2.6 ޕަސެންޓް ނުވަތަ އެއަށް ވުރެ ހަލުވި މިނެއްގައި ދަށް ކުރުމެވެ. އެކަމަކު މިއީ 2005 އާއި 2017 އާ ދެމެދު އެމެރިކާ ހާސިލްކުރި މިންވަރަށް ވުރެ ދެ ގުނަ ހަލުވި މިންވަރެކެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ބާރު އަޅުއްވަމުން ގެންދަވަނީ ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމަށެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ހުރި ވަރަށް ގިނަ އެއްބަސްވުންތައް ދޫކޮށްލައްވައިފަ އެވެ.

ގްރީންހައުސް ގޭސް ދެ ވަނަ އަށް އެންމެ ގިނައިން ބޭރު ކުރާ ގައުމަކީ އެމެރިކާ އެވެ.

އެމެރިކާ އިން ކާބަން ޑައިއޮކްސައިޑް މިދިޔަ އަހަރު ބޭރުކުރި މިންވަރު އިތުރުވުމުގައި ވެސް ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ވިންޓާގައި އާދަޔާޚިލާފަށް ފިނިގަދަ ދުވަސްތައް އިތުރުވުމުން ހަކަތައިގެ ޑިމާންޑް ބޮޑުވުމާއި ހޫނު މޫސުމުގައި ގިނަ ހިސާބުތަކުގައި އެއާ ކަންޑިޝަން ބޭނުން ކުރަން ޖެހުމުން ކަރަންޓް ބޭނުންކުރި ނިސްބަތް އިތުރުވުން ހިމެނެ އެވެ. އެކަމަކު ކާބަންޑައި އޮކްސައިޑް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިގްތިސާދީ ހަރަކާތްތައް ގިނަވުމެވެ.

އެމެރިކާގައި މިދިޔަ އަހަރު ޑީސަލް އާއި ޖެޓް ފިއުލް ބޭނުންކުރި މިންވަރު ތިން ޕަސެންޓް އިތުރުވެފައިވެ އެވެ.

އެމެރިކާ އިން މިހާ ގިނަ އަދަދަކަށް ކާބަން ޑައިއޮކްސައިޑް ބޭރުކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއީ އިގްތިސާދީ އަޑިގަނޑަކަށް ފަހު އަރައިގަތް އަހަރެވެ.