ޓްރަމްޕަށް ވުރެ ހިލަރީގެ ކެމްޕޭން ޚަރަދު މާ ބޮޑު

ވޮޝިންޓަން (އޮގަސްޓް 21) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން މި އަހަރު ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ވުރެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން މިދިޔަ މަހު ކެމްޕޭނަށް ކުރެއްވި ހޭދަ މާ ބޮޑު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.


ކެމްޕޭނަށް ޖުލައި މަހު ޓްރަމްޕް ހޭދަކުރައްވާފައި ވަނީ 18.5 މިލިއަން ޑޮލަރެވެ. އޭގެ ބަދަލުގައި ހިލަރީ ވަނީ 38 މިލިއަން ޑޮލަރު ހޭދަކުރައްވައިފަ އެވެ.

އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓުންނަށް ވުރެ، ކެމްޕޭނުގެ މިހާ ހިސާބަށް ދިޔަ އިރު ޓްރަމްޕް ހޭދަކުރައްވާފައިވާ އަދަދު މާ މަދެވެ.

ފަންޑްރެއިޒިން އަށް ބަލާއިރު ޓްރަމްޕަށް ޖުލައި މަހު އެއްކުރެވިފައި ވަނީ 37 މިލިއަން ޑޮލަރެވެ. ހިލަރީ ވަނީ 52 މިލިއަން ޑޮލަރު އެއްކުރައްވައިފަ އެވެ.

ޓްރަމްޕުގެ ކެމްޕޭން ޓީމުން ބުނީ އޮގަސްޓް މަހު ހޭދަކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. މިދިޔަ ހަފުތާގައި އެކަނިވެސް ވަނީ ޓީވީ އިޝްތިހާރަށް ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. ހިލަރީގެ ކެމްޕޭނުން ވަނީ ޓީވީ އިޝްތިހާރުތަކަށް މީގެ ދެ މަސްކުރިން ހޭދަކުރަން ފަށައިފަ އެވެ. މިހާތަނަށް ވަނީ ޓީވީ އިޝްތިހާރަށް ހިލަރީ 60 މިލިއަން ޑޮލަރަށް ޚަރަދު ކޮށްފަ އެވެ. ހިލަރީގެ ކެމްޕޭން ސްޓާފުންގެ އަދަދު 700 ގައި އުޅޭ އިރު ޓްރަމްޕް މުސާރަ ދެއްވާ ކެމްޕޭން ސްޓާފުންގެ އަދަދު ހިލަރީ އަށް ވުރެ 10 ގުނަ އިތުރެވެ.

ޓްރަމްޕުގެ ކެމްޕޭނުގެ ތެރޭން ބޮޑު ބައެއް ޖުލައި މަހު ހޭދަކޮށްފައި ވަނީ ވެބް ޑިޒައިނިން އާއި ޑިޖިޓަލް މާކެޓިން އަށެވެ. އަދި ވައިގެ ދަތުރުތަކަށް ވެސް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. މީގެ އިތުރުން މަގާމުން ދުރުކޮށްފައިވާ ކުރީގެ ކެމްޕޭން މެނޭޖަރު ކޯރޭ ލެވަންޑޮސްކީގެ ކުންފުންޏަށް ޓްރަމްޕް މިހާރު ވެސް ޚަރަދުކުރައްވާ ކަމަށްވެ އެވެ. ޓްރަމްޕުގެ ކެމްޕޭނަށް އޭނާގެ އަމިއްލަ ޖީބުން ވެސް މިހާތަނަށް 50 މިލިއަން ޑޮލަރު ހޭދަކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިއު ޔޯކް ޓައިމްސްގެ ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ޓްރަމްޕުގެ ކުންފުނިތަކުގެ ދަރަނި ވަނީ 650 މިލިއަން ޑޮލަރަށް އަރައިފައި ކަމަށެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ