ހަރަކާތެއް ނުކޮށް އޮތް ބަލި މީހަކު ވިހޭ މައްސަލާގައި ސްޓާފެއްގެ ޑީއެންއޭ ނަގަނީ

އެރިޒޯނާ (ޖެނުއަރީ 10) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ނާސިން ހޯމެއްގައި އެއްވެސް ހަރަކާތެއް ނުކޮށް ދިހަ ވަރަކަށް އަހަރު ދުވަހު އޮތް ބަލި މީހަކު ވިހޭ މައްސަލައިގައި އެ ތަނުގެ ފިރިހެން ސްޓާފެއްގެ ޑީއެންއޭ ނަގަން ފުލުހުން ނިންމައިފި އެވެ.


އެ ހާދިސާ ހިންގާފައި ވަނީ ފީނިކްސްއާ ކައިރީގައިވާ ހަސިއެންޑާ ހެލްތުކެއާގަ އެވެ. އެ ކްލިނުގެ ޗީފް އެގްޒެކެޓިވް ބިލް ޓިމޮސަންސް މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ޖިންސީ ގޯނާ ކުރުމުގެ ތަހުގީގެއް ފަށައިފަ އެވެ. އުމުރުން 29 އަަހަރުގެ އަންހެން މީހާ ބަލިވެ އިން ގޮތެއް ބެލުމަށް ބައެއް މީހުންގެ ޑީއެންއޭ ހޯދަން ފުލުހުން މިހާރު ވަނީ ކޯޓު އަމުރު ވެސް ހޯދައިފަ އެވެ. އަންހެން މީހާ ވިހައިފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އެ އަންހެން މީހާ ބަލިވެއިން ކަމެއް ނާސިން ހޯމްގެ ސްޓާފުންނަށް ވެސް ކުރިން ނޭނގެ އެވެ.

ފީނިކްސް ފުލުހުންގެ ތަރުޖަމާން އިއްޔެ ވިދާޅުވީ ޑީއެންއޭ ސާމްޕަލް ދިނުމަށް އެއްވެސް ސްޓާފަކު ދެކޮޅު ހަދާކަން އަދި ނޭނގޭ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކްލިނިކުގެ ޕްރޮޓޮކޯލް ވަނީ ބަދަލުކޮށްފަ އެވެ. އަންހެން ބަލި މީހެއްގެ ކައިރިއަށް ފިރިހެނަކު ވަންނަ ނަމަ މީގެ ފަހުން ވަދެވޭނީ އަންހެނަކާ އެކު އެވެ.

ހަސިއެންޑާ ހެލްތުކެއާ އިން ބުނެފައި ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އެރިޒޯނާ ހެލްތު ޑިޕާޓްމަންޓުން ބުނެފައި ވަނީ ބަލި މީހާގެ ހާލަތު ބަލަން އިންސްޕެކްޓަރުން ފޮނުވާފައިވާ ކަމަށެވެ.

އެރިޒޯނާ ފުލުހުން ބުނީ މި ހާދިސާ އެ މީހުންނަށް ރިޕޯޓް ކުރުމުން ހޮސްޕިޓަލަށް ދިޔަ އިރު އަންހެން މީހާ ވިހޭ ފިރިހެން ކުއްޖާ ރަނގަޅަށް ނޭވާ ނުލާ ކަމަށެވެ. ނަމަވެސް އެހެން ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުން މިހާރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.