ގަތަރާ އިތުރަށް ގުޅުން ބަދަހި ކުރާނަން: އުރުދުޣާން

އަންކަރާ (ޖެނުއަރީ 13) - ދިފާއީ، ޓޫރިޒަމް އަދި ހަކަތަ ފަދަ ދާއިރާތަކުން ގަތާރާ އެކު އިތުރަށް ގުޅުން ބަދަހި ކުރާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


"ތުރުކީ އަށް ގެންނަން އުޅުނު ބަޣާވަތާއި އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގައި އެކްސްޗޭންޖް ދަށަށް ދިޔަ ވަގުތު ގަތަރުން ތުރުކީއާ އެކު ބޭއއްވި ގާތްގުޅުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ތުރުކީގެ ދިފާއީ ކަންކަން ބޭރަށް ބަރޯސާވުން ވަރަށް ބޮޑަށް ކުޑަ ކުރަމުންދާ ކަމަށެވެ. މި ގޮތުން ތުރުކީން 2002 ވަނަ އަހަރު 80 ޕަސެންޓް ބޭރަށް ބަރޯސާވެފައި އޮތް ނަމަވެސް މިހާރު އެ އަދަދު ވަނީ 35 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ތުރުކީގެ އަސްކަރީ އަދި އިގްތިސާދީ ކުރިއެރުން ފެންނަނީ ވަރަށް ރަނގަޅަށް،" ތުރުކީގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ސަކަރްޔާގެ އޮޓޯމޮބައިލް މެނުފެކްޗަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީ އަށް ދިމާވާ ދަތިކަންކަމުގައި ގަތަރުން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ. ތުރުކީގެ ފައިސާގެ އަގު އޮގަސްޓް މަހު ވަރަށް ބޮޑަށް ދަށްވުމުން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ ތުރުކީގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަތަރުގެ ޗެމްބަ އޮފް ކޮމާސް އިން 2017 ވަނަ އަހަރު ބުނެފައި ވަނީ ގަތަރުން ވަނީ ތުރުކީގައި 20 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓް ކޮށްފައި ކަމަށެވެ.

ޖޫން، 2017 ގައި ސައުދީ އަރަބިއާ އިސްވެ އޮވެ މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިއިރު ތުރުކީން ވަނީ ގަތަރަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.