ނޫސްވެރިޔާގެ ގާތިލުންނަށް އަދަބު ދޭން ބާރު އަޅާނަން: އެމެރިކާ

ރިޔާޒް (ޖެނުއަރީ 14) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުންނަށް ހައްގު އަދަބު ދިނުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެކު ބާއްވާ ބައްދަލުވުމުގައި ބާރު އަޅުއްވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.


ސައުދީ އަށް ކުރައްވާ ދަތުރުގެ ކުރިން ގަތަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕޮމްޕެއޯ ވިދާޅުވީ ސައުދީ ވަލީ އަހުދުގެ އިތުރުން އެ ގައުމުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި ނޫސްވެރިޔާ މަރާލުމުގައި ޒިންމާވާ މީހުންނަށް އަދަބު ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ ޚާޝުގްޖީ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގަ އެވެ. ހެކިތަކުން އެނގޭ ގޮތުގައި އޭނާ މަރާލީ އެ ދުވަހު ސައުދީން ދިޔަ ޓީމަކުންނެވެ. ސައުދީން ބުނެފައި ވަނީ ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވެފައިވާ 11 މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. އެ މީހުންގެ ޝަރީއަަތް މިހާރު ފަށާފައިވާ އިރު ސައުދީގެ ޕްރޮސެކިއުޓަރުން ދަނީ މީގެ ތެރޭން ބައެއް މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިޔާގެ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ އަތެއް ވާ ކަމަށް ތުހުމަތު ކުރި ނަމަވެސް އެމެރިކާ އިން ވަނީ އެފަދަ ހެއްކެތް ނެތް ކަމަށް ބުނެފަ އެވެ.