ކެނެޑާ މީހާ އަށް ޗައިނާ އިން މަރުގެ ހުކުމް އިއްވައިފި

ބެއިޖިން (ޖެނުއަރީ 15) - ޑްރަގު އެތެރެކުރި ކަމުގެ ކުށުގައި ކެނެޑާ މީހަކަށް ޗައިނާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.


މިއީ މިހާރު ވެސް ހީނަރުވެފައިވާ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ރޮބަޓް ލޮއިޑް ޝެލެންބާގަށް މިދިޔަ އަހަރު އެންމެ ފުރަތަމަ އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު އިސްތިއުނާފް ކޯޓަކުން ވަނީ އެ އަދަބު މާ ކުޑަ ކަމަށް ބުނެފަ އެވެ. ކެނެޑާ އިން ވަނީ މި ހުކުމް ކުށްވެރިކޮށްފަ އެވެ.

އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ ޝެލެންގާބް އެންމެ ފުރަތަމަ ހައްޔަރު ކުރީ 2014 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 227 ކިލޯގެ މެތަމްފެޓަމިން ޗައިނާ އަށް އެތެރެ ކުރަން އުޅުމެވެ. އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަމަވެސް އިރުމަތީގެ ދާލިއަން ސިޓީގެ ހައި ކޯޓެއްގައި މައްސަލަ އިސްތިއުނާފް ކުރުމުން އިއްޔެ ވަނީ ޝެލެންބާގަށް މަރުގެ އަދަބު ދޭން ހުކުމްކޮށްފަ އެވެ. އަދި އޭނާގެ ހުރިހާ މާލީ މުދަލެއް ހިފެހެއްޓުމަށް ވެސް ހުކުމް ކުރި އެވެ.

"އަހަންނަކީ ޑްރަގު އެތެރެ ކުރާ މީހެއް ނޫން. އަހަރެން ޗައިނާ އަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި،" ހުކުމް އިއްވުމުގެ ކުރިން ޝެލެންބާގު ބުންޏެވެ.

މި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ އަށް 10 ދުވަސް ލިބިފައިވެ އެވެ.

ކެނެޑާ މީހަކަށް ޗައިނާގައި މަރުގެ ހުކުމް އިއްވާފައިވަނީ ޗައިނާގެ ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ކެނެޑާ އިން ހިފެހެއްޓުމުން ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ. މެންގް، 46، ޑިސެމްބަރު 1 ވަނަ ދުވަހު ހައްޔަރު ކުރުމުން ޗައިނާ އިން ވަނީ ރުޅިގަދަވެފަ އެވެ. ނަމަވެސް ޑިސެމްބަރު މަހު މެންގް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

އޭގެ ފަހުން ޗައިނާ އިން ވަނީ ކެނެޑާގެ ދެ މީހުން ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމެވެ.

ޗައިނާ އިން ބުނެފައި ވެންގް ހައްޔަރު ކުރުމުން އޭގެ ބަދަލު ހިފުމަށް ޝެލެންބާގަށް މަރުގެ ހުކުމް އިއްވަން އެ ގައުމުގެ ޝަރުއީ ނިޒާމް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.