ބޭންކް އޮފް ޗައިނާ އިން ލަންކާ އަށް 300 މިލިއަން ޑޮލަރު

ބެއިޖިން (ޖެނުއަރީ 16) - ބޭންކް އޮފް ޗައިނާ އިން ލަންކާ އަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް ރޮއިޓާސް އިން އިއްޔެ ބުނެފި އެވެ.


ލަންކާ އިން ލޯނު ހޯދަނީ އެ ގައުމުގެ ބޭރުގެ ދަރަންޏަށް ދައްކަން ޖެހޭ 2.6 ބިލިއަން ޑޮލަރުން މަދުވާ 1.9 ބިލިއަން ޑޮލަރު ހަމަކުރުމަށެވެ. އެ އަދަދު ދައްކަން ޖެހޭ ދުވަހަކީ މިދިޔަ ހޯމަ ދުވަހު އެވެ. ލަންކާ ސަރުކާރުން ކުރިން ވަނީ އެ ފައިސާ ދެއްކިދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ލޯނު ދައްކަން ފައިސާ ހޯދަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ބޭރުގެ ދަރަނީގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 5.9 ބިލިއަން ޑޮލަރު މި އަހަރު ލަންކާ އިން ދައްކަން ޖެހެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ލަންކާގެ ބޭރުގެ ދަރަނީގެ ހަތަރު ބައިކުޅަ އެއްބައި ދަރައިފައި ވަނީ ޗައިނާ އަށެވެ. އެ ގައުމުން ލަންކާ އަށް ވަނީ އަށް ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. ޗައިނާގެ ލޯނު ނުދެއްކިގެން އެންމެ ފަހުން ވަނީ ހަމްބަންޓޯޓާ ބަނދަރު 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ.

ލަންކާ އިން އުއްމީދު ކުރަނީ ބައިނަލްއަގުވާމީ އެޖެންސީތަކުން އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ޗައިނާ އާއި ޖަޕާނުން 500 މިލިއަން ޑޮލަރު އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އިން އިތުރު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.

ލޯނާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ބާއްވާ މަޝްވަރާތައް މިހާރު ވަނީ ފަސްކޮށްފަ އެވެ. އައިއެމްއެފްގެ ލޯނު ސަސްޕެންޑް ކުރީ ލަންކާގައި ސިޔާސީ މައްސަލަތައް އުފެދުމުންނެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ފޮރިން ރިޒާވުން އެއް ބިލިއަން ޑޮލަރު ވަނީ އުނިވެފަ އެވެ. ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް އުވާލައްްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކަށް ފަހު ރަނިލް އަށް އަލުން ބޮޑު ވަޒީރުކަން ދިނީ 51 ދުވަސް ފަހުންނެވެ.