ސަސްޕެންޑްކުރި 1.5 ބިލިއަން ޑޮލަރު ދޫކުރަން އައިއެމްއެފްގައި ލަންކާއިން އެދިއްޖެ

ކޮލަމްބޯ (ޖެނުއަރީ 17) - ލަންކާގައި މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ މައްސަލަގަނޑާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަސްޕެންޑް ކުރި 1.5 ބިލިއަން ޑޮލަރުގެ ޕެކޭޖް އަލުން ދޫކޮށްދިނުމަށް ކޮލަމްބޯ އިން އެދިއްޖެ އެވެ.


ލަންކާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު މަންގަލަ ސަމަރަވީރާ އެމެރިކާ އަށް ކުރެއްވި ދަތުރުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީން ލަގާޑެއާ ބައްދަލު ކުރައްވައި ލޯނު ފައިސާ ދޫކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އައިއެމްއެފް އިން ބުނެފައި ވަނީ ލަންކާގެ އިގްތިސާދު ދިރާސާކޮށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްޓަކައި އައިއެމްއެފްގެ ޓީމެއް އަންނަ މަހު ކޮލަމްބޯ އަށް ފޮނުވާނެ ކަމަށެވެ.

ލަންކާ އިން ލޯނު ހޯދަނީ އެ ގައުމުގެ ބޭރުގެ ދަރަންޏަށް ދައްކަން ޖެހޭ 2.6 ބިލިއަން ޑޮލަރު ދެއްކުމަށެވެ. ޗައިނާ އިން މިހާރު ވަނީ 300 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

ބޭރުގެ ދަރަނީގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 5.9 ބިލިއަން ޑޮލަރު މި އަހަރު ލަންކާ އިން ދައްކަން ޖެހެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ލަންކާގެ ބޭރުގެ ދަރަނީގެ ހަތަރު ބައިކުޅަ އެއްބައި ދަރައިފައި ވަނީ ޗައިނާ އަށެވެ. އެ ގައުމުން ލަންކާ އަށް ވަނީ އަށް ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. ޗައިނާގެ ލޯނު ނުދެއްކިގެން އެންމެ ފަހުން ވަނީ ހަމްބަންޓޯޓާ ބަނދަރު 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ.

ލަންކާ އިން އުއްމީދު ކުރަނީ ބައިނަލްއަގުވާމީ އެޖެންސީތަކުން އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ޗައިނާ އާއި ޖަޕާނުން 500 މިލިއަން ޑޮލަރު އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އިން އިތުރު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ފޮރިން ރިޒާވުން އެއް ބިލިއަން ޑޮލަރު ވަނީ މަދުވެފަ އެވެ. ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް އުވާލައްްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކަށް ފަހު ރަނިލް އަށް އަލުން ބޮޑު ވަޒީރުކަން ދިނީ 51 ދުވަސް ފަހުންނެވެ.