މޯދީއާ ދެކޮޅަށް ބައި މިލިއަން މީހުން ނުކުމެއްޖެ

ނިއު ދިއްލީ (ޖެނުއަރީ 20) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބައި މިލިއަނެއްހާ މީހުން އިރުމަތީގެ ކޮލްކަތާގެ މަގުތަކަށް އިއްޔެ ނުކުމެއްޖެ އެވެ.


"ޔުނައިޓެޑް އިންޑިއާ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މޯދީއާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވާފައި މި ވަނީ އަންނަ މެއި މަހު އިންޑިއާގައި އާއްމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އެއްވުމުގައި އިދިކޮޅު 20 ލީޑަރަކު ވަނީ ބައިވެރިވެފަ އެވެ.

"މޯދީގެ ސަރުކާރަކީ މިހާރު އެއީ މާޒީ. އެ ސަރުކާރުގެ މުއްދަތު ދަނީ ހަމަވަމުން،" ވެސްޓް ބެންގާލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމާތާ ބަނެރްޖީ ވިދާޅުވި އެވެ.

އިންޑިއާގެ ޕާޓީތައް ގުޅިގެން ބޮޑު ވަޒީރު މޯދީއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމާތާ ބަނެރްޖީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެއްވުން އިންތިޒާމް ކުރި ބަނެރްޖީގެ ސަރުކާރުން ބުނެފައި ވަނީ އެއްވުމުގައި ހަތަރު މިލިއަން މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް ކޮލްކަތާ ފުލުހުންގެ ވެރިޔާ ރަޖީވް ކުމާރު ވިދާޅުވީ އެއްވުމުގައި ބައިވެރިވީ 500،000 މީހުން ކަމަށެވެ.

އެއްވުމުގައި އިދިކޮޅު ލީޑަރު ރާހުލް ގާނދީ ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް ކޮންގްރެސް ޕާޓީގެ މަންދޫބުން ވަނީ ފޮނުވައިފަ އެވެ.

މިލިޓަރީ ހާޑްވެއާ އިންސްޕެކްޓް ކުރުމަށް ގުޖުރާތަށް ވަޑައިގެން މޯދީ ވިދާޅުވީ އެއީ އެމަނިކުފާނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ އިންޑިއާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް ކަމަށެވެ.

އިންޑިއާގެ ޕާޓީތައް ގުޅިގެން ބޮޑު ވަޒީރު މޯދީއާ ދެކޮޅަށް އެއްވުން ބާއްވަނީ. --ފޮޓޯ:އޭއެފްޕީ

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި އިންތިޚާބު މޯދީގެ ބީޖޭޕީ ކާމިޔާބުކޮށްފައި ވަނީ އިގްތިސާދީ ހެޔޮ ބަދަލުތައް ގެންނާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ އިގްތިސާދު ހީނަރުވާން ފެށުމުން ބީޖޭޕީ އަށް ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ. ޑިސެމްބަރު މަހު ބޭއްވި ސަރަހައްދީ އިންތިޚާބުގައި ބީޖޭޕީ އަށް ވަނީ ތިން ސްޓޭޓުން ނާކާމިޔާބުވެފަ އެވެ.