އިޒްރޭލުން ހަމަލާ ދިނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް

ތެލް އަވީވް (ޖެނުއަރީ 21) - އިޒްރޭލުން ހަމަލާ ދިނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.


އިޒްރޭލްގެ ޑިފެންސް ފޯސް އިން ބުނެފައި ވަނީ އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ އެލީޓް ގުދުސް ފޯސް އަށް ކަމަށެވެ. އަދި ސީރިއާގެ އެއާ ޑިފެންސް އަށް ވެސް ހަމަލާތައް އަމާޒުކުރި ކަމަށް ވަނީ ބުނެފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ހަތަރު މީހުން މަރުވި ކަމަށް ބުނެފައިވެ އެވެ.

ސީރިއާގެ މީޑިއާ އިން ބުނެފައި ވަނީ އިޒްރޭލުގެ ގިނަ މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ ހަމަލާ ދިނީ ގުދުސް ފޯސް އިން ރޮކެޓް ހަމަލާތަކެއް ގޯލާން ހެއިޓްސް އަށް ދިނުމުން ކަމަށެވެ. އަދި ސީރިއާ އިން ފޮނުވާލި ރޮކެޓްތަކަށް ހުރަސް އަޅާފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

ސީރިއާ އަށް ހަމަލާ ދޭ ވާހަކަ އިޒްރޭލުން ކުރިން އާއްމު ނުކުރި ނަމަވެސް އެންްމެ ފަހުގެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ވަނީ އިޒްރޭލްގެ އަސްކަރިއްޔާ އިން އާއްމުކޮށްފަ އެވެ.

އަނެއްކޮޅުން ސީރިއާ އިން ވަނީ އެ ގައުމަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާކަން ޔަގީންކޮށްދީފަ އެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާ އިން ބުނެފައި ވަނީ އެ ގައުމުގެ ދެކުނުގެ ހިސާބުތަކަށް އިޒްރޭލުން ފޮނުވާލި މިސައިލްތަކަށް އެއާ ޑިފެންސް ނިޒާމުން ހުރަސް އަޅާފައިވާ ކަމަށެވެ.

"ސީރިއާގެ ދެކުނަށް އިޒްރޭލުން ދިން ހަމަލާގެ މަގްސަދު ހާސިލެއް ނުވި،" ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ބުނެފައި ވަނީ އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހިޒްބުﷲ ޖަމާއަތާއި އީރާނުން ހަތިޔާރު ރައްކާކޮށްފައިވާ ސަރަހައްދަކަށް ކަމަށް ބެލެވޭ ކަމަށެވެ.