ތުރުކީ އިންތިޚާބުގައި ވޯޓުލާން 165 އަހަރުގެ މީހެއް

އަންކަރާ (ޖެނުއަރީ 22) - އަންނަ މާޗު މަހު ތުރުކީގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް 165 އަހަރުގެ މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ޝަކުވާކޮށްފި އެވެ.


މި ފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންގެ ތެރޭގައި 100 އަހަރުން މަތީގެ މީހުން ވެސް ހިމެނެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ އެއް އެޕާޓްމަންޓުން އެކަނި ވެސް ވޯޓުލާން 1،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ވޯޓާ ލިސްޓުގައި މައްސަލަތައް ހުރިކަން ފާހަގަވި އިރު އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އޭކޭ ޕާޓީއަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ތުރުކީ އަށް ފަހަކަށް އައިސް ވަނީ އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. އެހެންވެ ބައެއް ފަރާތްތަކުން ލަފާކުރަނީ އޭކޭ ޕާޓީ އަށް ވެރިރަށް އަންކަރާގެ ކައުންސިލް ވެސް ގެއްލިދާނެ ކަމަށެވެ.

އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ) އިން ތުހުމަތުކޮށްފައި ވަނީ ވޯޓާސް ލިސްޓުގައި މަކަރު ހަދާފައި ވަނީ އޭކޭޕީ އަށް މީގެ ކުރިން ތާއީދު ކުޑަ ސަރަހައްދުތަކުގަ އެވެ. ސީއެޗްޕީން ބުނެފައި ވަނީ 100 އަހަރުން މަތީގެ 6،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭން ގިނަ މީހުންގެ އުމުރު އުޅެނީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ރެކޯޑްތަކުން ދައްކާ މީހާއަށް ވުރެ ވެސް އުމުރު ދޮށީކޮށެވެ. ލިސްޓުގައި އޮތް އައިސީ އެކިސީ ނަމަކަށް ކިޔާ މީހެއްގެ އުމުރަކީ 165 އަހަރެވެ. އޭނާ ރަޖިސްޓްރީކޮށްފައި ވަނީ ފުރަތަމަ ފަހަރަށް ވޯޓުލާ މީހެއްގެ ގޮތުގަ އެވެ. އެހެން މީހެއްގެ އުމުރު އުޅެނީ 149 އަހަރުގަ އެވެ. އަދި 148 އަހަރުގެ މީހަކު ވެސް ވަނީ ވޯޓުލާން ރަޖިސްޓްރީކޮށްފަ އެވެ.

ބައެއް އަވަށްތަކުގައި ވޯޓުލާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއް އަވަށެއްގައި ވަނީ ވޯޓުލާ މީހުންގެ އަދަދު ހަ މަސް ދުވަސް ތެރޭ ވަނީ 95 ޕަސެންޓް އިތުރުވެފަ އެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށް އިދިކޮޅު ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފަ އެވެ.