ވެނެޒުއެލާ ބޮޑު މައްސަލަ ގަނޑެއްގައި، ވަގުތީ ރައީސަކަށް އިދިކޮޅު ލީޑަރު

ކަރާކަސް (ޖެނުއަރީ 24) - ވެނެޒުއެލާގައި ސިޔާސީ ގޮތުން ބޮޑު މައްސަލަގަނޑެއް އުފެދި ގައުމުގެ ވަގުތީ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް އިއުލާންކޮށްފި އެވެ.


އުމުރުން 35 އަހަރުގެ ހުއާން އެގޮތަށް އިއުލާން ކުރުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ނިންމުން ބަލައިގެންފަ އެވެ.

ވެނެޒުއުލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެތައް ހާސް ބަޔަކު ބުދަ ދުވަހު ވަނީ މަގުތަކަށް ނުކުމެފަ އެވެ. ރައީސްކަމުގެ ދެ ވަނަ ދައުރުގެ ހުވާ މަދޫރޯ ކުރެއްވީ މި މަހު ކުރީކޮޅު އެވެ. ވެނެޒުއެލާގައި މިދިޔަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބު ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައެއް ނުވެ އެވެ. މަދޫރޯގެ ވެރިކަމުގައި ވެނެޒުއުލާގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ.

މަގުތަކަށް ނުކުތް މީހުންނާ އެކު ހުންނަވައި އިދިކޮޅު ލީޑަރު ހުއާން ވިދާޅުވީ ގައުމު މިނިވަންވަންދެން އެ މީހުން މަގުތަކުގައި ތިބޭނެ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާ ހުއާން ވަނީ ސަރުކާރުގެ އަމުރުތަކަށް ސަލާމަތީ ބާރުތަކުން ކިޔަމަން ނުވުމަށް ގޮވާލައިފަ އެވެ. އަދި ހުއާން ވަނީ އިންތިގާލީ ސަރުކާރެއްގެ އިސްވެރިޔާގެ ދައުރު އަދާ ކުރައްވާނެ ކަމަށާއި އޭގެ ފަހުން މިނިވަން އިންތިޚާބެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މަދޫރޯ އުފައްދާފައި ވަނީ ގާނޫނީ ސަރުކާރެއް ނޫން ކަމަށެވެ. އަދި ވެނެޒުއުލާގެ ރައްޔިތުންނަށް ސަރުކާރުން އަނިޔާވެރި ނުވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ސަައުތު އެމެރިކާގެ ފަސް ގައުމަކުން މިހާތަނަށް ވަނީ ހުއާންގެ ވެރިކަން ބަލައިގެންފަ އެވެ.