ހަރަކާތެއް ނުކޮށް އޮތް މީހާ ވިހެއި މައްސަލާގައި ނަރުހަކު ހައްޔަރުކޮށްފި

އެރިޒޯނާ (ޖެނުއަރީ 24) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ނާސިން ހޯމެއްގައި އެއްވެސް ހަރަކާތެއް ނުކޮށް ދިހަ ވަރަކަށް އަހަރު ދުވަހު އޮތް ބަލި މީހަކު ވިހޭ މައްސަލައިގައި އެ ތަނުގެ ފިރިހެން ނަރުހަކު ހައްޔަރުކޮށްފި އެވެ.


ޑީއެންއޭ ޓެސްޓްތަކަށް ފަހު ހައްޔަރުކޮށްފައި ވަނީ ހަސިއެންޑާ ހެލްތުކެއާ ކްލިނިކުގައި މަސައްކަތް ކުރާ އުމުރުން 36 އަހަރުގެ ނަތަން ސަދަލޭންޑް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާ ކުރުމާއި ނުކުޅެދޭ މީހެއްގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ އުފުލައިފަ އެވެ.

ކްލިނިކުގައި އޮތް 29 އަހަރުގެ ބަލި މީހާ ވިހެއީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. ކްލިނިކުގެ ސްޓާފުން ބުނެފައި ވަނީ އެ މީހާ ބަލިވެ އިންކަން ނޭނގޭ ކަމަށެވެ. އޭނާ ވިހެއި ފިރިހެން ކުއްޖާ ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ. އެ ކުއްޖާގެ ހާލު ރަނގަޅެެވެ.

ޖިންސީ ގޯނާކޮށްފައި ވަނީ ހަސިއެންޑާ ހެލްތުކެއާގައި އޮތް ނުކުޅެދޭ މީހަކަށް.

ނުކުޅެދޭ މީހާ ވިހޭ ހާދިސާ އަށް ފަހު ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އަދި ކުރިން ވަނީ ޝައްކު ކުރެވޭ ފިރިހެން ސްޓާފެއްގެ ޑީއެންއޭ ސާމްޕަލް ނަގައިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ހައްޔަރު ކުރި ސަދަލޭންޑަކީ ނާސިން ލައިސަންސް އޮތް ފަރާތެއް ކަމަށެވެ. އަދި އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ ދުވަސްވަރު އޭނާ ބެލެހެއްޓުމާ ހަވާލުވެ ހުރީ ސަދަލޭންޑް ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން މިހާރު ދަނީ އެ ކްލިނިކާ 2011 ވަނަ އަހަރު ގުޅުނު ސަދަލޭންޑް އެހެން ބަލި މީހުންނަށް ވެސް ޖިންސީ ގޯނާކޮށްފައިވޭތޯ ބަލަމުންނެވެ.

ބަލި މީހާ ވިހެއި ހާދިސާއާ ގުޅިގެން ހަސިއެންޑާ ހެލްތުކެއާގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މި ހާދިސާއާ ގުޅިގެން ކްލިނިކުގެ ޕްރޮޓޮކޯލް ވަނީ ބަދަލުކޮށްފަ އެވެ. އަންހެން ބަލި މީހެއްގެ ކައިރިއަށް ފިރިހެނަކު ވަންނަ ނަމަ މީގެ ފަހުން ވަދެވޭނީ އަންހެނަކާ އެކު އެވެ.