ސީރިއާގެ އައިއެސްގެ އަމާޒުތަކަށް ތުރުކީން ބޮން އަޅައިފި

އަންކާރާ (އޮގަސްޓް 23) - ސީރިއާގެ އުތުރުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަމާޒުތަކަށް ތުރުކީން ބޮން އަޅައިފި އެވެ.


ސީރިއާގެ މަންބިޖާއި ޖަރަބުލްސްގައިވާ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވެސް ތުރުކީން ވަނީ ހަމަލާދީފަ އެވެ.

އައިއެސްގެ އަމާޒުތަކަށް ތުރުކީން ހަމަލާ ދިން އިރު ތުރުކީގެ ގަޒިއެންޓެޕުގެ ކުރުދީންގެ ކައިވެނި ހަފުލާއެއްގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީ 50 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. ތުރުކީން ބުނެފައި ވަނީ ކައިވެނި ޕާޓީ އަށް ހަމަލާދީފައި ވަނީ އައިއެސް އިން ކަމަށެވެ. ގަޒިއެންޓެޕުގައި ތިބި ނޫސްވެރިން ބުނީ އައިއެސްގެ އަމާޒުތަކަށް ތުރުކީން ހަމަލާ ދިނީ ބޮމުގެ ހަމަލާއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

ތުރުކީގެ ބޮޑު ވަޒީރު ބިނާލް ޔިލްދިރިމް ވިދާޅުވީ ކައިވެނީގެ ހަފުލާގައި ޖާނުންފިދާވުމުގެ ހަމަލާ ދިނީ ކުޑަ ކުއްޖެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް އެކަން އަަދި ޔަގީން ނުވާ ކަމަށެވެ. އަދި އެގޮތަށް ބެލެވުނީ އޭރު ލިބެން ހުރި ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ވިދާޅުވީ ސީރިއާގެ އުތުރުން މިފަހަރު އައިއެސް ފުހެލާނެ ކަމަށެވެ. ތުރުކީގެ ޓީވީ ރިޕޯޓްތައް ބުނާ ގޮތުގައި ބޮމުގެ ހަމަލާތައް ވަނީ ސީރިއާގެ ކުރުދީ ޖަމާއަތެއް ކަމަށްވާ ވައިޕީޖީ އަށް ވެސް އަމާޒުކޮށްފަ އެވެ. އެކަމަކު ވައިޕީޖީ އަކީ ވެސް މަންބިޖުން އައިއެސް ބޭރުކޮށްލަން މަސައްކަތްކުރާ ބައެކެވެ. ތުރުކީން ގަބޫލް ކުރަނީ ވައިޕީޖީ އަކީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ ބައެއް ކަމަށެވެ. ޕީކޭކޭ އަކީ ތުރުކީގައި ވަކި ދައުލަތެއް ގާއިމް ކުރަން މަސައްކަތް ކުރާ ޖަމާއަތެކެވެ.

ގަޒިއެންޓެޕުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި ގިނައިން މަރުވެފައި ވަނީ ކުޑަ ކުދިންނެވެ. މަރުވި 54 މީހުންގެ ތެރޭން 13 މީހުންނަކީ އަންހެނުންނެވެ. ޒަޚަމްވި 66 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.