އަހަރަކު ފަސް ދުވަހު ޖަންގަލީގައި އެކަނި އުޅުނިން: މޯދީ

ނިއު ދިއްލީ (ޖެނުއަރީ 25) - އަހަރަކު ފަސް ދުވަހު ޖަންގަލީގައި އެކަނި ހޭދަކުރެއްވި ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ މަޝްހޫރު ފޭސްބުކް ޕޭޖަކުން ކުރި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ ޖަންގައްޔަށް ވަޑައިގަންވަނީ ފަސް ދުވަހަށްވާ ވަރަށް ކާނާ ހިއްޕަވައިގެން ކަމަށެވެ. އަދި އެއްވެސް ރޭޑިއޯއެއް، ނޫހެއް ވެސް ނުގެންދަވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ.

"ކޮންމެ އަހަރެއްގެ ވެސް ދިވާލީ ދުވަސްވަރު އަޅުގަނޑު ދަނީ ޖަންގައްޔަށް. އެކަނި ފަސް ދުވަސް ޖަންގަލީގައި ހޭދަކުރަން. އެއީ ދިރިއުޅުމާ މެދު ވަރަށް ފުންކޮށް ވިސްނާލުމަށް،" މޯދީ ވިދާޅުވި އެވެ. "އަޅުގަނޑުގެ ނަސޭހަތަކީ ޒުވާން ކުދިން ވެސް ބިޒީ ޝެޑިއުލުން ވަގުތުކޮޅެއް ހޯދާލުމަށް ފަހު ނަފްސް ވަޒަންކޮށްލުން. އޭރުން ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ. ކޮންމެ މީހެއްގެ ވެސް ހާލަތު ރަނގަޅަށް އެނގިގެންދާނެ."

މޯދީ ވިދާޅުވީ އެމަނިކުފާނުގެ ޖަންގަލީގެ ޒިޔާރަތް ގިނަ ބަޔަކަށް ނޭނގޭނެ ކަމަށެވެ. އެކަމަކު ޖަންގަލީގައި ހޭދަކުރެއްވި ވަގުތުތަކުގައި ފުންކޮށް ވިސްނާލަން ލިބުނު ފުރުސަތަކީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މިއަދު ވެސް ލިބޭ އެހީއެއް ކަމަށް ވިދާޅުވި އެވެ.