މިއަންމާ ސިފައިންގެ ވެރިޔާ އަށް ދައުވާ ކުރަން އދ. އިން ގޮވާލައިފި

ބެންކޮކް (ޖެނުއަަރީ 26) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރީމާއާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ވެރިޔާ މިން އައުން ހައިންގެ މައްޗަށް ދައުވާ ކުރަން މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ގޮވާލައްވައިފި އެވެ.


އޭނާ ވިދާޅުވީ ރަކީން ސްޓޭޓް ދޫކޮށް ދިޔަ ރެފިއުޖީން އަނބުރާ ވަޒަނަށް ދިއުމުގެ ކުރިން އެ މީހުންނަށް އަނިޔާކުރި މީހުންނަށް ހައްގު އަދަބު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އދ.ގެ ރެޕަޓުއާ މިއަންމާ އަށް އެރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ތައިލެންޑާއި ބަންގްލަދޭޝް އަށް ކުރެއްވި ދަތުރަކަށް ފަހު އެވެ.

"ރަކީން ސްޓޭޓުގައި ހިންގި ޖަރީމާ އަށް މިއަންމާ ސިފައިންގެ ވެރިޔާ މިން އައުންނާއި ސިފައިންގެ އިސް އެހެން ވެރިންގެ މައްޗަށް ދައުވާ ކުރަން ޖެހޭ،" ލީ ވިދާޅުވި އެވެ.

މިއަންމާ ސިފައިންގެ ވެރިޔާ.

މިއީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ ވެރިންގެ މައްޗަށް ދައުވާ ކުރަން ފާޅުގައި ލީ ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

އދ.ގެ ފެކްޓް-ފައިންޑިން މިޝަނުން މިދިޔަ އަހަރު ތައްޔާރު ކުރި ރިޕޯޓްގައި ވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ޖަރީމާތަކުގައި އިސްކޮށް ހުރި ސިފައިންގެ ވެރިޔާ މިން އައުން އާއި ސިފައިންގެ އިތުރު ފަސް ޖެނެރަލެއްގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދައުވާ ކުރުމަށް ވެސް އެދިފައިވެ އެވެ.

މިއަންމާ އިން ބުނެފައި ވަނީ އެ ގައުމުގެ މައްސަލަަތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނުބެލޭނެ ކަމަށެވެ.

ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން އޮގަސްޓް 2017 ގައި ހިންގި ޖަރީމާއާ ގުޅިގެން ހަ ލައްކަ އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.