ޔޫރަޕުން ދިން މުހުލަތަށް މަދޫރޯ ދެކޮޅު ހައްދަވައިފި

ކަރާކަސް (ޖެނުއަރީ 28) - ކުރިއަށް އޮތް އަށް ދުވަސް ތެރޭ ވެނެޒުއެލާގައި އާ އިންތިޚާބެއް ބޭއްވުމަށް ޔޫރަޕުގެ ބޮޑެތި ގައުމުތަކުން ދިން މުހުލަތަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ދެކޮޅު ހައްދަވައިފި އެވެ.


ގައުމީ ޓީވީ މެދުވެރި ކުރައްވައި ދެއްވި ބަޔާނެއްގައި މަދޫރޯ ވިދާޅުވީ އޭނާގެ ގައުމު ވަނީ ޔޫރަޕުގެ ގައުމުތަކުގެ ދަށުގައި "ބަނދެވިފައި" ނޫން ކަމަށެވެ.

"ޔޫރަޕުން ދިން މުހުލަތު އަނބުރާ ގެންދަން ޖެހޭ. އެއްވެސް ބަޔަކަށް ވެނެޒުއެލާ އަށް މުހުލަތެއް ނުދެވޭނެ،" ސީއެންއެން ތުރުކީ އަށް ދެއްވި އިންޓަވިއުއެއްގައި މަދޫރޯ ވިދާޅުވި އެވެ.

ޔޫރަޕުން އަޅާފައި ވަނީ ވަރަށް އަދަބު ކުޑަ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން މަދޫރޯ ވިދާޅުވީ އެއީ އެ މީހުން ހެދި "ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.

އަށް ދުވަސް ތެރޭ އިންތިޚާބެއް ނުބާއްވައިފި ނަމަ ވެނެޒުއެލާގެ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމުގައި ބަލައިގަންނާނެ ކަމަށް ފްރާންސް، ނެދަލޭންޑްސް، އިނގިރޭސި ވިލާތް، ސްޕޭން އަދި ޖަރުމަން ފަދަ ގައުމުތަކުން އިންޒާރު ދީފައިވެ އެވެ.

ނޭޝަނަލް އެސެމްބްލީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ހުއާން ވަނީ ގައުމުގެ ރައީސް އަކީ އޭނާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފަ އެވެ. އޭގެ ފަހުން އެމެރިކާ، ކެނެޑާ އަދި ސައުތު އެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލް އާއި ކޮލަމްބިއާ އިން ވަނީ ހުއާންގެ ވެރިކަން ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.

މަދޫރޯ ވިދާޅުވީ އިދިކޮޅު ލީޑަރު އުޅުއްވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އެމެރިކާ އިން މަސައްކަތް ކުރަނީ ވެނެޒުއެލާ އަށް ބަޣާވާތެއް ގެންނަން ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ގުޅިފައި ވަނީ އެމެރިކާއާ. އެ މީހުން ދަނީ ވެނެޒުއެލާ އަށް ހަމަލާ ދެމުން،" މަދޫރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ގޮންޖެހުމަކުން ސަލާމަތް ވާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.