އެމެރިކާ އިން ހުށަހެޅި ދައުވާތަކަށް ވާވޭ އިން ދެކޮޅު ހަދައިފި

ބެއިޖިން (ޖެނުއަރީ 29) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭއާ ދެކޮޅަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ހުށަހެޅި ޖިނާއީ ދައުވާތަކަށް އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.


ވާވޭ އިން ވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫއާ ދެކޮޅަށް ހުށަހެޅި ޖިނާއީ ދައުވާތައް ވެސް ދޮގުކޮށްފަ އެވެ. ވަންޒޫ މިދިޔަ މަހު ވަނީ ކެނެޑާ އިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ވާވޭއާ ދެކޮޅަށް އެމެރިކާގައި އުފުލި ދައުވާތަކުގެ ތެރޭގައި ބޭންތަކަށް މަކަރާއި ހީލަތް ހެދުމާއި އިންސާފް ގާއިމްކުރުމަށް ހުރަސް އެޅުމާ އަދި ޓެކްނޮޖީން ވައްކަން ކުރުމެވެ. މީގެ އިތުރުން ވާވޭގެ ސަބްސިޑަރީ ދެ ކުންފުނި ކަމަށްވާ ވާވޭ ޑިވައިސް ޔޫއެސްއޭ އާއި ސްކައިކޮމް ޓެކް ބޭނުންކޮށްގެން އީރާނާ އެކު ވިޔަފާރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. މި މައްސަލަތަކުގެ ސަބަބުން ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވާނެ އެވެ.

ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ. --ފޮޓޯ: ރޮއިޓާސް

ވާވޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެ ކުންފުނިން ގޯސް އެއްވެސް ކަމެއް ނުކުރާ ކަމަށާއި މެންގް ވަންޒޫ ވެސް އެއްވެސް ކަމެއް ގޯހުން ކޮށްފައި ނުވާނެ ކަމަށެވެ.

ވާވޭ ކުންފުނީގެ ބާނީގެ ދަރިކަނބަލުން މެންގް ޑިސެމްބަރު 1 ވަނަ ދުވަހު ކެނެޑާގެ ހުޅަނގުގެ ވެންކޫވާ ސިޓީން ހައްޔަރު ކުރީ އެމެރިކާ އިން އެދިގެންނެވެ. އޭނާ ދޫކޮށްލީ 7.6 މިލިއަން ޑޮލަރުގެ ކަފާލާތުގެ ދަށުންނެވެ. އަދި 24 ގަޑިއިރު އޭނާ މޮނިޓާކޮށް އަދި ފައިގައި ވަނީ އިލެކްޓްރޯނިކް ޓެގެއް އަޅުވައިފަ އެވެ.