އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއްދީފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފި

ޕިއޮންޔޮން (އޮގަސްޓް 23) - އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ފެށި އަސްކަރީ ތަމްރީނުތަކާ ގުޅިގެން އެ ދެ ގައުމަށް އަމާޒުކޮށް ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފި އެވެ.


"އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ކިތަންމެ ކުޑަ ނަމަވެސް ދެކޮޅުވެރިކަމެއް އުތުރު ކޮރެއާ އަށް ދައްކައިފި ނަމަ އެ ދެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭނަން،" އުތުރު ކޮރެއާގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވި އެވެ. "ތަމްރީނުތަކުގައި ބައިވެރިވާ ގައުމުތަކަށް ރައްދު ދިނުމުގެ ވަރުގަދަ ހަމަލާއެއް ދެވޭ ވަރަށް އުތުރު ކޮރެއާ އޮތީ ތައްޔާރުވެފައި."

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ތަމްރީނުތައް ފަށާފައި މި ވަނީ ދެކުނު ކޮރެއާގެ ސަރަހައްދަކަށް އުތުރު ކޮރެއާ އިން ހަމަލާ ދިންތާ ބަރާބަރު އެއް އަހަރު ފަހުންނެވެ. އަދި މި ތަމްރީނުތައް ފަށާފައި ވަނީ އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ އުތުރު ކޮރެއާގެ ސަފީރުގެ ނައިބު ފިލާފައި ވަނިކޮށެވެ. އުތުރު ކޮރެއާ އިން ބުނެފައި ވަނީ ސަފީރުގެ ނައިބަކީ މުޖްރިމެއް ކަމަށެވެ.

ޔޫއެސް ފޯސަސް ކޮރެއާ އިން ބުނެފައި ވަނީ ތަމްރީނުތަކުގެ ބޭނުމަކީ ކޮރެއަން ޕެނިންސުލާ އަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ތައްޔާރުވެ ތިބުން ކަމަށެވެ.

އުތުރު ކޮރެއާގެ އިންޒާރާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައި ވިދާޅުވީ ޕިއޮންޔޮން އިން އަބަދުވެސް ދަނީ ރައްޔިތުންނަށް ބެލުމެއް ނެތި އިންޒާރުތައް ދެމުން ކަމަށެވެ. އަދި އުތުރު ކޮރެއާ އިން ކުރިމަތި ކުރާ ކޮންމެ ބިރު ދެއްކުމަކަށް ދެކުނު ކޮރެއާ ތައްޔާރަށް އޮންނާނެ ކަމަށް އެކަމަނާ ވަނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މެދު ރާސްތާ އަދި ދިގު ރާސްތާ މިސައިލް ޓެސްޓް ކުރުމާއި ނިއުކްލިއާ ޓެސްޓާ ގުޅިގެން އުތުރު ކޮރެއާ އަކީ މިހާރު ހަގީގީ ނުރައްކަލެއް ކަމަށެވެ. ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވީ އުތުރު ކޮރެއާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަސްކަރީ ތަމްރީނުތަކުގައި އެމެރިކާގެ ގާތްގަނޑަކަށް 25،000 ސިފައިން ބައިވެރިވެ އެވެ. މީގެ ތެރޭން ގިނަ މީހުންނަކީ ދެކުނު ކޮރެއާގައި ތިބީ ސިފައިންނެވެ.