ވެނެޒުއެލާ ސަރުކާރުގެ ތެޔޮ ކުންފުންޏަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ކަރާކަސް (ޖެނުއަރީ 30) - ވެނެޒުއެލާ ސަރުކާރުގެ ތެޔޮ ކުންފުންޏާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.


ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެ ގައުމުގައި މިހާރު ފަށާފައިވާ ހަރަކާތުގައި އެމެރިކާ އިން ދަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް އެހީތެރިކަން ދެމުންނެވެ. އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ދަށުން ޕެޓްރޮލިއޮސް ޑި ވެނެޒުއެލާ އެސްއޭގެ ހަތް ބިލިއަން ޑޮލަރުގެ އެސެޓް ހިފަހައްޓާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ 11 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް އާމްދަނީ ގެއްލޭނެ އެވެ.

އެމެރިކާ އިން އެޅި ފިޔަވަޅަށް ރައްދު ދެމުން ރައީސް މަދޫރޯ ވިދާޅުވީ އެއީ ޖިނާއީ ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ވެނެޒުއެލާގެ ތެލުން އެމެރިކާ އިން ވައްކަން ކުރުމަށް މަދޫރޯ ވަނީ ސިފަ ކުރައްވައިފަ އެވެ.

"ގާނޫނީ ގޮތުން އެމެރިކާ އާއި ބައިނަލްއަގުވާމީ ކޯޓުތަކުގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ތެޔޮ ކުންފުނީގެ ވެރިންނަށް ވަނީ އަންގާފައި،" ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވި އެވެ.

ވެނެޒުއެލާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ތެލުންނެވެ. ވެނެޒުއެލާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީ ވެސް އެމެރިކާ އެވެ. ވެނެޒުއެލާގެ ތެލުގެ އެކްސްޕޯޓުގެ 41 ޕަސެންޓް ބޭރު ކުރަނީ އެމެރިކާއަށެވެ.

ތެޔޮ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކްގައި ހިމެނޭ ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޕެޓްރޯލިއަމް ރިޒާވް އޮތް ގައުމެވެ.