ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ފުރުން މަނާކޮށް އެކައުންޓްތައް ހިފަހައްޓައިފި

ކަރާކަސް (ޖެނުއަރީ 30) - ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް، އޭނާގެ ބޭންކް އެކައުންޓްތައް ހިފަހައްޓައިފި އެވެ.


ވެނެޒުއެލާގެ ސުޕްރީމް ކޯޓުން މި ފިޔަވަޅު އެޅީ އިދިކޮޅު ލީޑަރަކީ ގައުމުގެ ރައީސް ކަމަށް އޭނާ އަމިއްލަ އަށް އިއުލާންކޮށްފައި ވަނިކޮށެވެ. އިދިކޮޅު ލީޑަރަށް ވަނީ ވަރަށް ގިނަ ގައުމުތަކުން ތާއީދުކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ. އެމެރިކާ އަށް ފަހު 20 ގައުމަކުން ވަނީ އިދިކޮޅު ލީޑަރު ބަލައިގެންފަ އެވެ.

އިިދިކޮޅު ލީޑަރު ހުއާންއާ ދެކޮޅަށް ފިޔަވަޅަށް އެޅުމަށް ސުޕްރީމް ކޯޓުގައި އެދިފައި ވަނީ އެޓާނީ ޖެނެރަލް އެވެ. ރައީސް ނިކޮލަސް މަދޫރޯ އަށް ވަފާތެރި ސުޕްރީމް ކޯޓުން ވަނީ އެ ފިޔަވަޅުތައް ވަގުތުން އެޕްރޫވްކޮށްދީފަ އެވެ.

އިދިކޮޅު ލީޑަރު ހުއާން އަކީ ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެވެ. އެހެންވެ އޭނާ އަށް ލިބިފައިވާ އިމްތިޔާޒުގެ ދަށުން ދައުވާކުރުން ފަދަ ފިޔަވަޅެއް އެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

މަދޫރޯ ވަނީ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަވަސް ރިޔާސީ އިންތިޚާބެއް ނުބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ޕާލަމެންޓަރީ އިންތިޚާބު ބާއްވަފާނެ ކަމަށް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ހޮނިހިރު ދުވަހު ވަނީ، އަށް ދުވަސް ތެރޭ އިންތިޚާބެއް ބޭއްވުމަށް މުހުލަތު ދީފަ އެވެ.

މަދޫރޯގެ ދެ ވަނަ ދައުރު މި މަހު 10 ވަނަ ދުވަހު ފެށި ފަހުން ގައުމުގައި ވަނީ މުޒާހަރާތައް އިތުރުވެފަ އެވެ. ވެނެޒުއެލާގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވަނީ އެތައް ބަޔަކު ތުހުމަތުކޮށްފަ އެވެ. އަދި އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދީ ބައެއް ކެންޑިޑޭޓުން ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.