އިންޑިއާގައި ވަޒީފާ ނެތް މީހުން އިންތިހާ އަށް މައްޗަށް

ނިއު ދިއްލީ (ފެބްރުއަރީ 1) - އިންޑިއާގައި ވަޒީފާ ނެތް މީހުންގެ ރޭޓް، 1970 ގެ އަހަރުތަކަށް ފަހު އެންމެ މަތިފައިވަނީ މިހާރު ކަމަށް ލީކުވި ސަރުކާރުގެ ރިޕޯޓަކުން ދައްކައިފި އެވެ.


އިންޑިއާގައި ވަޒީފާ ނެތް މީހުންގެ ރޭޓަކީ 6.1 ޕަސެންޓެވެ. މިއީ 1972-73 ވަނަ އަހަރަށް ފަހު ވަޒީފާ ނެތް މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ވަޒީފާ ނެތް މީހުންނާ ގުޅޭ ގޮތުން އެންމެ ފަހުން ކުރި ސާވޭގެ ރިޕޯޓް ހާމަކުރަން ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ރިޕޯޓް ވަނީ ބިޒްނަސް ސްޓޭންޑަޑް ނޫހުން ހޯދައިފަ އެވެ. ސާވޭ އިން ދައްކާ ގޮތުން ވަޒީފާ ނެތް މީހުންގެ ރޭޓް ކުއްލި އަކަށް 6.1 ޕަސެންޓަށް މައްޗަށް ޖެހިފައި ވަނީ 2011-12 ގައި އެ ރޭޓް 2.2 ޕަސެންޓުގައި ހުރުމަށް ފަހު އެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ މަތީ 15-29 އަހަރާ ދެމެދު އެވެ.

އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށް ޖެހިފައި ވަނީ އިތުރު ވަޒީފާތައް އުފައްދާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެމްޕޭނުގައި 2013 ވަނަ އަހަރު ވިދާޅުވެފައި ވަނިކޮށެވެ. އަމިއްލަ ޖަމާއަތެއް ކަމަށްވާ ސެންޓަ ފޯ މޮނިޓާރިން އިންޑިއަން އިކޮނޮމީ އިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު 11 މިލިއަނަށް އަރާފައިވާ ކަމަށެވެ.