ލަންކާގައި ހައިވޭއެއް ހަދަން ޗައިނާ އިން އެއް ބިލިއަން ޑޮލަރު

ބެއިޖިން (ފެބްރުއަރީ 2) - ވެރިރަށް ކޮލަމްބޯ އާއި ކެންޑީއާ ދެމެދު ހަދާ ހައިވޭ މަޝްރޫއަށް ޗައިނާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނު އެއްބަސްވުމުގައި ދެ ގައުމުން ވަރަށް އަވަހަށް ސޮއި ކުރަން ތައްޔާރުވެއްޖެ އެވެ.


ހައިވޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. މަސައްކަތް ހުއްޓުނީ ފައިސާ ނެތުމުންނެވެ. ލަންކާ އިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަރުނަސެނާ ކޮޑިޓުވައްކޫ ވިދާޅުވީ ޗައިނާގެ ލޯނު ބޭނުން ކުރާނީ ސެންޓްރަލް ހައިވޭގެ ފުރަތަމަ ފިޔަވައްސަށް ކަމަށެވެ. ދެ ވަނަ ފިޔަވައްސަށް ޚަރަދު ކުރަން ހަމަޖެހިފައި ވަނީ ލަންކާ އިންނެވެ. އަދި ތިން ވަނަ ފިޔަވައްސަށް ޚަރަދު ކުރާނީ ޖަޕާނުން ނަގާ ލޯނުންނެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކުރިން ވިދާޅުވެފައި ވަނީ ބޭންކް އޮފް ޗައިނާގެ އެއް ބިލިއަން ޑޮލަރުގެ ސޮވެރިން ލޯނު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭ ލިބޭނެ ކަމަށެވެ.

ލަންކާގެ ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނަށް އެ ގައުމު ވަނީ މިހާރު ދަރައިފަ އެވެ. ލޯނު ދެއްކޭނެ ގޮތެއް ނެތިގެން ހަމްބަންޓޯޓާ ބަނދަރު މިހާރު ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާ އިން މިހާރު ވަނީ ޗައިނާ އަށް އަށް ބިލިއަން ޑޮލަރަށް ދަރައިފަ އެވެ.