ހަރަކާތެއް ނުކޮށް އޮތް ބަލި މީހާ ރޭޕް ނުކުރާ ކަމަށް ނަރުސް ބުނެފި

އެރިޒޯނާ (ފެބްރުއަރީ 6) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގެ ނާސިން ހޯމެއްގައި އެއްވެސް ހަރަކާތެއް ނުކޮށް ވިއްސަކަށް އަހަރު އޮތް ބަލި މީހަކު ރޭޕް ނުކުރާ ކަމަށް އެ ބަލިމީހާ ބެލެހެއްޓި ނަރުސް ބުނެފި އެވެ.


ބަލި އެނދުގައި އެތައް ޒަމާނެއް ވަންދެން އޮތް 29 އަހަރުގެ މީހާ މިދިޔަ ޑިސެމްބަރު މަހު ވަނީ ފިރިހެން ކުއްޖަކު ވިހައިފަ އެވެ. ބަލި މީހާ ރޭޕް ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ ނަރުސް ނަތަން ސަދަލޭންޑް، 36، ގެ މައްޗަށެވެ. ހަސިއެންޑާ ހެލްތުކެއާ ކްލިނިކުގައި މަސައްކަތް ކުރާ ސަދަލޭންޑް ހައްޔަރު ކުރީ ޑީއެންއޭ ޓެސްޓްތަކަށް ފަހު އެވެ.

ބަލި މީހާ ވިހެއި ކުއްޖާ އާއި ސަދަލޭންޑުގެ ޑީއެންއޭ ދިމާވެ އެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާ ކުރުމާއި ނުކުޅެދޭ މީހެއްގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ އުފުލައިފަ އެވެ.

ސަދަލޭންޑުގެ ވަކީލް ޑޭވް ގްރެގަން ކޯޓް ބޭރުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހޭ ކޮމިޝަނަކުން ޑީއޭއެން ޓެސްޓް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ސަދަލޭންޑުގެ ޑީއެންއޭ ޓެސްޓް ކޮށްފައި ވަނީ ފުލުހުންނެވެ. ސަދަލޭންޑުގެ ޝަރީއަތެއް ދެން އޮންނާނީ މާޗް 19 ވަނަ ދުވަހު އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ފީނިކްސްގައި ހުންނަ ކްލިނިކުގައި މަސައްކަތް ކުރާ ނަރުސް ހައްޔަރު ކުރުމާ އެކު އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ކްލިނިކުގައި ވަރަށް ޅަ އުމުރުން ފެށިގެން އޮތް ބަލި މީހާ ވިހެއީ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. ކްލިނިކުގެ ސްޓާފުން ބުނެފައި ވަނީ އެ މީހާ ބަލިވެ އިންކަން ނޭނގޭ ކަމަށެވެ. އޭނާ ވިހެއި ފިރިހެން ކުއްޖާ ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ހައްޔަރު ކުރި ސަދަލޭންޑަކީ ނާސިން ލައިސަންސް އޮތް ފަރާތެއް ކަމަށެވެ. އަދި އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ ދުވަސްވަރު އޭނާ ބެލެހެއްޓުމާ ހަވާލުވެ ހުރީ ސަދަލޭންޑް ކަމަށް ވެސް ބުނެފައިވެ އެވެ.

ފީނިކްސް ފުލުހުންގެ ވެރިޔާ ޖެރީ ވިލިއަމްސް ވިދާޅުވީ ޖިންސީ ގޯނާ ލިބިފައި ތިބި އެހެން ބަލި މީހުން ވެސް އެ ކްލިނިކުގައި ތިބުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ގިނަ ބަލި މީހުންނަކީ ހަރަކާތެއް ނުކޮށް އަދި ވާހަކަ ވެސް ނުދެއްކޭ މީހުންނަށް ވާތީ އެ މައްސަލަތައް ބެލުން ފަސޭހަ ނުވާނެ ކަމަށް ވިދާޅުވި އެވެ.

ބަލި މީހާ ވިހެއި ހާދިސާއާ ގުޅިގެން ހަސިއެންޑާ ހެލްތުކެއާގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މި ހާދިސާއާ ގުޅިގެން ކްލިނިކުގެ ޕްރޮޓޮކޯލް ވަނީ ބަދަލުކޮށްފަ އެވެ. އަންހެން ބަލި މީހެއްގެ ކައިރިއަށް ފިރިހެނަކު ވަންނަ ނަމަ މީގެ ފަހުން ވަދެވޭނީ އަންހެނަކާ އެކު އެވެ.