ނޫސްވެރިޔާ މަރާލަން އެންގީ ސައުދީ އިންޓަލިޖެންސް އޮފިސަރެއް

ރިޔާޒް (ފެބްރުއަރީ 9) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ އިންޓަލިޖެންސް އޮފިސަރެއްގެ އަމުރަށް ކަމަށް ތަހުގީގު ޓީމުގެ ހޯދުންތަކުން ސާބިތުވެފައިވާ ކަމަށް ސައުދީ އަރަބިއާގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓާ ޝަލާން ބިން ރާޖިހް ޝަލާން ވިދާޅުވެއްޖެ އެވެ.


ޚާޝުގްޖީ މަރާލީ ކޮންސިއުލޭޓް ތެރޭގައި ވިހަ އިންޖެކްޝަނެއް ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނޫސްވެރިޔާ މަރާލަން އަމުރުކުރި އިންޓަލިޖެންސް އޮފިސަރަކީ ޚާޝުގްޖީ ސައުދީ އަށް އަނބުރާ ގެންދިއުމާ ހަވާލުވެ ހުރި މީހާ ކަމަށް ވެސް ޝަލާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޚާޝުގްޖީގެ ހަށިގަނޑު ކޮންސިއުލޭޓް ތެރޭގައި ކުދިކޮށް ކޮށާލުމަށް ފަހު، އުކާލުމަށް "ތުރުކީ މީހަކާ" ހަވާލުކުރި ކަމަށެވެ.

މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަނެއްކޮޅުން ޚާޝުގްޖީ މަރާލި ދުވަހު އިސްތަންބޫލަށް ދިޔަ ސައުދީގެ 15 މީހުންނަކީ ކޮބައިކަން ތުރުކީން ވަނީ ހޯދައިފަ އެވެ.

ޚާޝުގްޖީގެ މަރުގެ ތަހުގީގަށް ސައުދީ އަރަބިއާ އިން ހުރަސް އަޅާ އަދި ތުރުކީން ވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ސައުދީން ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށް އދ.ގެ ތަހުގީގު ޓީމުން ވަނީ ބުނެފަ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑް އިސްކޮށް ހުންނަވާ ހިންގި ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތުރުކީގެ އިންވެސްޓިގޭޓަރުން ސައުދީ ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ދީފައި ވަނީ ނޫސްވެރިޔާ މަރާލިތާ 13 ދުވަސް ފަހުން ކަމަށެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ޚާޝުގްޖީ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ތުރުކީގެ ތަހުގީގު ޓީމުން ކޮންސިއުލޭޓަށް ވަނުމުގެ ހުއްދަ ސައުދީން ދިނީ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ.

ނޫސްވެރިޔާ މަރާލި ކަމަށް ތުހުމަތުކޮށްފައިވާ ގަހުތާނީ އާއި އަސީރީ.

ޚާޝުގްޖީ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ ދެ މީހުން ކަމަށްވާ ސައުދީ ވަލީ އަހުދުގެ އަރިސް ބޭފުޅެއް ކަމަށްވާ ސައުދު އަލް ގަހުތާނީ އާއި ސައުދީ އިންޓިލެންސްގެ ނައިބް އަހުމަދު އަސީރީ ހައްޔަރު ކުރުމުގެ އަމުރު އިސްތަންބޫލްގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ވަނީ ނެރެފަ އެވެ. ތުރުކީން ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި އެންމެ އިސްކޮށް އުޅުނީ އެ ދެ މީހުން ކަމަށެވެ. ގަހުތާނީ އާއީ އަސީރީ ވަނީ އެ މީހުން ތިބި މަގާމުތަކުން ދުރުކޮށްފަ އެވެ.

ނޫސްވެރިޔާގެ މަރާ ގުޅުން ހުރި 17 މީހަކާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ގަހުތާނީ ވެސް ހިމެނެ އެވެ.

ސައުދީން އަރަބިއާ އިން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ. އަދި އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އޭގެ ތެރޭން އެކަކު ވެސް ތުރުކީއާ ހަވާލު ކުރުމަށް ސައުދީން ވަނީ ދެކޮޅު ހަދައިފަ އެވެ.