ޓެންޒޭނިއާ ޕާލަމެންޓުގެ ފިރިހެން މެންބަރުން ހިތާން ކުރަން ގޮވާލައިފި

ދާރުއްސަލާމް (ފެބްރުއަރީ 9) - ޓެންޒޭނިއާ ޕާލަމެންޓުގެ ފިރިހެން މެންބަރުންގެ ތެރޭން ހިތާން ނުކުރާ މެންބަރުން ހިތާން ކުރުމަށް އަންހެން މެންބަރަކު ގޮވާލައްވައިފި އެވެ.


ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އަންހެން މެންބަރު ޖެކްލިން ނަގޮންޔާނީ ވިދާޅުވީ ފިރިހެން މެންބަރުން ހިތާން ކުރުމަށް އޭނާ އެދިވަޑައިގަންނަވަނީ އެޗްއައިވީ ފެތުރުމުގެ ނުރައްކާ ކުޑަ ކުރަން ކަމަށެވެ. އޭނާގެ މި ހުށަހެޅުމަށް ބައެއް މެންބަރުން ޚިޔާލު ތަފާތުވެފައިވެ އެވެ.

ޓެންޒޭނިއާގެ އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އެޗްއައިވީ އެވެ. އެ ގައުމުގެ ފިރިހެނުންގެ އާބާދީގެ ފަސް ޕަސެންޓް މީހުންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ލަފާކޮށްފައިވެ އެވެ. ޓެންޒޭނިއާ އަކީ ދުނިޔޭގައި 13 ވަނަ އަށް އެންމެ ގިނައިން އެޗްއަައިވީ ޖެހިފައިވާ މީހުން ތިބި ގައުމު ކަމަށް ވެސް ވެ އެވެ. ޓެންޒޭނިއާގެ ފިރިހެނުންގެ އާބާދީގެ 70 ޕަސެންޓް މީހުން ވަނީ ހިތާންކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ ހިތާންކުރުމުން، ޖިންސީ ގުޅުމުގެ ޒަރިއްޔާ އިން އެޗްއައިވީ ޖެހުން 60 ޕަސެންޓަށް ކުޑަކުރެވޭ ކަމަށެވެ. އެފްރިކާގައި އެޗްއައިވީ ހަލުވިކަމާ އެކު ފެތުރޭ ބައެއް ގައުމުތަކުން ވަނީ ހިތާން ކުރުމަށް ހިތްވަރުދޭ ކެމްޕޭންތައް ފަށައިފަ އެވެ. ކެންޔާގައި 2008 ވަނަ އަހަރު ސިޔާސީ ބައެއް ބޭފުޅުން އަމިއްލަ އަށް އިސްނަގައިގެން ވަނީ ހިތާންކޮށްފަ އެވެ.