ފިންލެންޑުގައި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސްގެ ފައިދާއެއް ނެތް

ހެލްސިންކީ (ފެބްރުއަރީ 9) - ފިންލެންޑުގައި ވަޒީފާ ނެތް ބައެއް މީހުންނަށް ދެ އަހަރު ވަންދެން އަސާސީ މުސާރައިގެ ގޮތުގައި އެލަވަންސެއް ދިން ނަމަވެސް އެ މީހުން ވަޒީފާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


ފިންޑުގައި ވަޒީފާ ނެތް ބައެއް މީހުންނަށް ޖެނުއަރީ 2017 އިން ޑިސެމްބަރު 2018 އަށް ކޮންމެ މަހަކު ވެސް 685 ޑޮލަރު (560 ޔޫރޯ) ގެ އެލަވަންސެއް ދިނެވެ. ދެ އަހަރު ތެރޭ ފިންލެންޑުން ވަނީ 20 މިލިއަން ޔޫރޯ އެކަމަށް ހޭދަކޮށްފަ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފިންލެންޑުން 2017 ވަނަ އަހަރު އެކަން ފެށި އިރު މިއީ ޔޫރަޕުގައި ވެސް މިފަދަ އެލަވަންސެއް ތަޖްރިބާކުރި ފުރަތަމަ ގައުމެވެ. ފިންލެންޑުގައި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސްގެ ކަންތައްް ބެލެހެއްޓީ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ ސޯޝަލް އިންޝުއަރެންސް އިންސްޓިއުޝަން އިންނެވެ. ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސަށް ރެންޑަމްކޮށް ހޮވާފައި ވަނީ 2،000 މީހުންނެވެ.

ފިންލެންޑުގައި ވަޒީފާ ނެތް މީހުންގެ ރޭޓަކީ 8.1 ޕަސެންޓެވެ. ބޭސިކް އިންކަމް ދިން ބައެއް މީހުން ދިރާސާގައި ބުނެފައި ވަނީ އެ އެލަވަންސްގެ ސަބަބުން ނަފްސާނީ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މާލީ ގޮތުން ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އެއީ ވަޒީފާއެއް ހޯދަން ހިތްވަރަކަށް ވެސް ނުވި ކަމަށެވެ.