އެމެރިކާގެ އާއްމު ރައްޔިތުންނާ މައްސަލައެއް ނެތް: ޚާމަނާއީ

ތެހެރާން (ފެބްރުއަރީ 10) - އީރާނުގައި ބާއްވާ އެމެރިކާއާ ދެކޮޅު އެއްވުންތަކުގައި "އެމެރިކާ އަށް ހަލާކު ހުރި" ލިޔެފައިވާ ބޯޑުތައް ބޭނުން ކުރި ނަމަވެސް އެ ސްލޯގަންތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ ލީޑަރުންނަށް ކަމަށާއި އާއްމު ރައްޔިތުންނަށް ނޫން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


ޚާމަނާއީގެ ވެބްސައިޓުގައި ބުނެފައި ވަނީ "ހަލާކު ހުރި" އެ އިބާރާތް ބޭނުންކުރާ އެމެރިކާގެ ވެރިންގެ ގޮތުގައި މާނަކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އަދި ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އަށް ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންނާ އެއްވެސް މައްސަލައެއް ނެތް،" ޚާމަނާއީ ވިދާޅުވެފައިވެ އެވެ.

އީރާނުގެ ރައްޔިތުންނާ މެދު އެމެރިކާ އިން ދެކޭ ނުރަނގަޅު ގޮތް ބަދަލު ނުކުރަނީސް "އެމެރިކާ އަށް ހަލާކު ހުރި" ސްލޯގަން ބޭނުން ކުރުން ހުއްޓާނުލާނެ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ. އެމަނިކުފާން އެ އިޝާރާތް ކުރައްވާފައި ވަނީ މި އަހަރުގެ ރިޔާސީ ބަޔާންގައި "އެމެރިކާ އަށް ހަލާކު ހުރި" ކަމަށް ގޮވާ ދައުލަތެއްގެ މަތިން އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު ކެހިގެން ނުދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަތަކަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އެ އެއްބަސްވުން ސަލާމަތް ކުރުމަށް ޔޫރަޕުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޚާމަނާއީ ވަނީ ޔޫރަޕަށް ވެސް އިތުބާރު ނުކުރުމަށް ގޮވާލައްވައިފަ އެވެ.