ފަރުވާ ނުދެވި، ޔަމަނުގެ އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިން މަރުވެއްޖެ

ސަންއާ (ފެބްރުއަރީ 10) - އެއްހަށިގަނޑުން ގުޅިފައިވާ ޔަމަނުގެ ދެބެއިންނަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އެ ދެ ކުދިން އިއްޔެ މަރުވެއްޖެ އެވެ.


އަބްދުލް ޚާލިގް އާއި އަބްދުއްރަހީމް މީގެ ދެ ހަފުތާ ކުރިން އުފަންވި އިރު އެ ދެ ކުދިންގެ ކިޑްނީ އާއި ހިތާއި ފުއްޕާ މެއި ވަނީ ގުޅިފަ އެވެ. ވެރިރަށް ސަންއާގެ އަލް ތައުރާ ހޮސްޕިޓަލްގެ ޑރ. ފައިސަލް އަލް ބާބިލީ ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލްގައި ދެ ކުދިންނަށް ފަރުވާ ދޭނެ ސާމާނު ނެތް ކަމަށެވެ. އެހެންވެ ބައިނަލްއަގުވާމީ އެހީ އަށް އޭނާ ކުރިން ވަނީ އެދިވަޑައިގެންފަ އެވެ.

ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އެއްހަށިގނޑުން ގުޅިފައިވާ ދެ ކުދިން ފަރުވާ އަށް ގައުމުން ބޭރަށް ނުގެންދެވުނީ ސައުދީ ކޯލިޝަނުން ސަންއާ އެއާޕޯޓް ބަންދުކޮށްފައި އޮތުމުން ކަމަށެވެ. އަދި އެ ދެ ކުދިންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ސައުދީ ކޯލިޝަނުން ކަމަށް ވެސް ހޫތީން ބުނެފައިވެ އެވެ.

ޔަމަނުގައި އުފަންވި އެއްހަށިގަނޑުން ގުޅިފައި ދެ ކުދިން. --ފޮޓޯ:އޭއެފްޕީ

ސައުދީ ރަސްގެފާން ސަލްމާން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވެރިޔާ އަބްދުﷲ އަލް ރަބީއު ވިދާޅުވީ ޔަމަނުގެ ދެ ކުދިންނަށް ފަރުވާ ދިނުމަށް އެ ސެންޓަރުން ތައްޔާރުވެފައިވާ ކަމަށެވެ.

ސައުދީ ކޯލިޝަނުން ދަނީ މާޗް 2015 އިން ފެށިގެން ޔަމަނަށް ހަމަލާ ދެމުންނެވެ. ޔަމަނުގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ސިއްހީ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. ގިނަ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭނެ އިންތިޒާމެއް ނެތެވެ.

ސަންއާ އެއާޕޯޓް ހުޅުވާލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ޔަމަން ސަރުކާރުން ބުނެފައި ވަނީ ޔަމަނުގެ އެއްގަމާއި ކަނޑުގެ ބަނދަރުތައް މެދުވެރިކޮށް ހޫތީން ވަގަށް ހަތިޔާރު އެތެރެކުރާ ކަމަށެވެ.