ޝަރީއަތް ލަސްކުރެވޭތޯ ނަޖީބް މަސައްކަތް ކުރައްވަނީ

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 11) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތުކޮށްފައިވާ ބޮޑު ޚިޔާނާތުގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރުވެފައިވާ އިރު އެ ޝަރީއަތް ފަސް ކުރެވޭތޯ އެންމެ ފަހު ވަގުތު ވެސް ނަޖީބު މަސައްކަތް ކުރައްވައިފި އެވެ.


އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ވަނީ ނަޖީބުގެ ވެރިކަމުގައި ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ. އެ ބޭންކުގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. 1އެމްޑީބީގެ ޚިޔާނާތުގެ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. 1އެމްޑީބީ ޚިޔާނާތާ ގުޅޭ 42 މައްސަލައެއްގައި ނަޖީބުގެ މައްޗަށް ދައުވާ ކުރެ އެވެ.

މާދަމާ ޝަރީއަތް ބާއްވަނީ 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަލް އިން ނަޖީބު ނެންގެވި ކަމަށް ބެލެވޭ 42 މިލިއަން ރިންގިޓް (10.3 މިލިއަން ޑޮލަރު) އާ ގުޅޭ މައްސަލައިގަ އެވެ. ނަމަވެސް ނަޖީބުގެ ވަކީލުން މިއަދު ވަނީ ޝަރީއަތް ފަސްކޮށްދޭތޯ ކޯޓަށް ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބުގެ ވެރިކަން ވެއްޓުނު މައިގަނޑު ސަބަބަކީ ވެސް ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ބޮޑުވުމެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.