އެމެރިކާ އިން ހަދަން އުޅެނީ ގޯހެއް: މަދޫރޯ

ކަރާކަސް (ފެބްރުއަރީ 15) - އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެނެޒުއެލާގައި ހަމަނުޖެހުން އުފައްދަން އެމެރިކާ އިން ކުރާ މަސައްކަތަކީ ބޮޑު ގޯހެއް ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.


އެމެރިކާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެނެޒުއެލާ އަށް އެހީގެ ތަކެތި އެތެރެކުރަން އުޅޭ މައްސަލާގައި މަދޫރޯ ވިދާޅުވީ އެއީ ސިޔާސީ ގޭމެއް ކަމަށެވެ. އަދި ގައުމުގެ އިމްޕޯޓާއި ބޯޑަރުގެ ކޮންޓްރޯލް އޮތީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

"ވައިގެ މަގުން އަދި އެއްގަމާއި ކަނޑު މަގުން ވިޔަސް ވެނެޒުއެލާ އަށް އެތެރެކުރާ މުދާ ޗެކްކޮށް ޓެކްސް ނަގާނެ. އެމެރިކާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ ކަންތައް ކާމިޔާބެއް ނުވާނެ،" އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުގައި މަދޫރޯ ވިދާޅުވި އެވެ.

ވެނެޒުއެލާ އަށް އެހީގެ ތަކެތި އެތެރެކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މި މަހު 23 ވަނަ ދުވަހު އެވެ. ގައުމުގެ ރައީސް ކަމަށް އަމިއްލަ އަށް އިއުލާން ކުރެއްވި އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވަނީ އެހީގެ ތަކެތި އެތެރެ ކުރުމުގައި ސިފައިން ހުރަސް ނޭޅުމަށް ގޮވާލައްވައިފަ އެވެ. ވެނެޒުއެލާގެ ސިފައިން ތިބީ މަދޫރޯއާ އެކު އެވެ.