ޕާކިސްތާން އެކަހެރިކުރަން މޯދީ ދެކޭ ހުވަފެން ހަގީގަތަކަށް ނުވާނެ: ގުރައިޝީ

އިސްލާމްއާބާދު (ފެބްރުއަރީ 16) - ޑިޕްލޮމެޓިކް ގޮތުން ޕާކިސްތާން އެކަހެރި ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެކެވަޑައިގަންނަވާ ހުވަފެން ކާމިޔާބު ނުވާނެ ކަމަށް ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ.


ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައި ވަނީ ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާ އަށް ފަހު ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން އެކަހެރިކޮށްލާނެ ކަމަށް އިންޑިއާގެ ފެޑެރަލް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވުމާ ގުޅިގެންނެވެ. ކަޝްމީރުގައި ހަމަލާ ދިން ކަމަށް ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ވަނީ އެއްބަސްވެފަ އެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާ ދިނުމުގައި ޕާކިސްތާނުގެ އަތެއް ވާނެ ކަމަށެވެ.

ޖަރުމަނުގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުރައިޝީ މިއަދު ވިދާޅުވީ ޖަރުމަނުގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ސެނެޓަރުން ވެސް ތިބީ ޕާކިސްތާނާ އެކުގައިކަން އެނގިއްޖެ ކަމަށެވެ.

"ޖަރުމަން، ކެނެޑާ، އުޒްބެކިސްތާންގެ މިނިސްޓަރުންނާ އަދި އަފްޣާން ރައީސްއާ ބައްދަލު ކުރުމުން އެނގިއްޖެ ޕާކިސްތާން އެކަހެރި ކުރަން އިންޑިއާ ކުރާ މަސައްކަތް ފެއިލްވާނެކަން،" ގުރައިޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުގެ ބިމުގައި ޓެރަރިޒަމް ހިންގަން ދުވަހަކު ވެސް ފުރުސަތު ނުދޭނެ ކަމަށެވެ.