އެމެރިކާގެ އެހީއަކީ ވެނެޒުއެލާ އަށް އަރައިގަތުމުގެ ރޭވުމެއް: މަދޫރޯ

ބޮގޯޓާ (ފެބްރުއަރީ 17) - ވެނެޒުއެލާ އަށް އެހީގެ ތަކެތި ފޯރުކޮށްދޭން އެމެރިކާ އިން އުޅުމުގެ ބޭނުމަކީ އެ ގައުމަށް އަރައިގަތުމަށް ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ އެހީގެ ތަކެތި ހިފައިގެން ދިޔަ އަސްކަރީ މަތިންދާ ބޯޓުތައް މިހާރު ވަނީ ވެނެޒުއެލާ އާއި ކޮލަމްބިއާ ގުޅޭ ބޯޑަރުގެ ރަށެއް ކަމަށްވާ ކަކޫޓާގައި ޖައްސައިފަ އެވެ. އެމެރިކާ އަށް އެހީ ދެނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯގެ އެދިވަޑައިގަތުމަކަށެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ފޯރުކޮށްދިން އެހީ ބޯޑަރު ހުރަސްކޮށް ވެނެޒުއެލާ އަށް އެތެރެ ކުރާނީ 600،000 ވޮލަންޓިއަރުން ކަމަށެވެ. އަދި އެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެހީ ހިފައިގެން ދިޔަ އެ ގައުމުގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓުު ކޮލަމްބިއާގެ ބޯޑަރު ޓައުންގައި ޖައްސާފައި. --ފޮޓޯ:ރޮއިޓާސް

އެމެރިކާގެ އެހީ ވެނެޒުއެލާ އަށް އެތެރެ ކުރުމުގެ ހުއްދަ ދޭނެ ކަމެއް އަދި ނޭނގެ އެވެ. ރައީސް މަދޫރޯ ވިދާޅުވީ އެމެރިކާ އިން އުޅެނީ ކަންދެއްކުމަށް ކަމަށެވެ. އަދި ބޭރުގެ އެހީ ބޭނުންވާ ފަދަ ހާލަތެއް ވެނެޒުއެލާގައި ނެތް ކަމަށް ވިދާޅުވި އެވެ. އެމެރިކާގެ "ރޭވުމަށް" ސަމާލުވެ ތިބުމަށް މަދޫރޯ ވަނީ ސިފައިންނަށް ހުކުރު ދުވަހު އަންގަވައިފަ އެވެ.

އިދިކޮޅު ލީޑަރު ހުއާން ވަނީ އެމެރިކާގެ އެހީ ވެނެޒުއެލާ އަށް އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް ސިފައިންނަށް ގޮވާލައްވައިފަ އެވެ. ނަމަވެސް ވެނެޒުއެލާ އާއި ކޮލަމްބިއާ ގުޅުވާލަ ދޭ މަގުތައް މިހާރު ވަނީ ކޮންޓެއިނާތައް އުފުލާ ވެހިކަލްތަކަށް ބަންދުކޮށްފަ އެވެ.