ކްރޫޒް މިސައިލް ފޮނުވާލެވޭ ސަބްމެރިންނެއް އީރާނުން އުފައްދައިފި

ތެހެރާން (ފެބްރުއަރީ 17) - އީރާނުން އުފައްދާފައިވާ ކްރޫޒް މިސައިލް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރިން މިއަދު ދައްކާލަން ނިންމައިފި އެވެ.


ފާތިހުގެ ނަން ދީފައިވާ މި ސަބްމެރިން އަކީ އީރާނުން އުފެއްދި ފުރަތަމަ ސެމީ-ހެވީ ސަބްމެރިންނެވެ. ސަބްމެރިން ދައްކާލުމުގެ ކުރިން އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ގައުމު ބައިބައި ކުރުމަށް ކުރާ މަސައްކަތަށް ސަމާލުވެ ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި އީރާނުގެ ދުޝްމަނުންގެ އެންމެ ބޮޑު ބޭނުމަކީ އެ ގައުމު ބައިބައި ކުރުން ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.

"އީރާން ހިމާޔަތް ކުރުމުގައި ގުރުބާން ވާން ތައްޔާރަށް މި ތިބީ،" ރޫހާނީ ވިދާޅުވި އެވެ.

އީރާނުން އަލަށް ތައާރަފް ކުރާ 600 ޓަނުގެ ސަބްމެރިންގައި ޓޯޕީޑޯ އާއި ނޭވަލް މައިން ވަނީ ހަރުކޮށްފަ އެވެ. އޭގައި ހަރުކޮށްފައިވާ އެޑްވާންސްޑް ރާޑަރު ސިސްޓަމް މެދުވެރިކޮށް ދުޝްމަނުންގެ އުޅަނދުތައް ދެނެގަނެވެ އެވެ. އެ ސަބްމެރިން 200 މީޓަރު އަޑީގައި ފަސް ހަފުތާ ވަންދެން އޮޕަރޭޓް ކުރެވެ އެވެ.

ބްރިގޭޑިއާ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ ފާތިހް ސަބްމެރިން އަކީ އީރާނުގެ ޑިފެންސް މިނިސްޓްރީގެ ތަޖްރިބާކާރުން ޑިޒައިންކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން އުފެއްދި ސަބްމެރިންއެއް ކަމަށެވެ.

އީރާނުން މި މަހު ކުރީކޮޅު ވަނީ 1،350 ކިލޯ މީޓަރުގެ ރާސްތާއެއް ލިބިގެންވާ އާ ކްރޫޒް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ވަނީ 1،000 ކިލޯ މީޓަރުގެ ރާސްތާއެއްގެ ބިމުން ބިމަށް ފޮނުވާ މިސައިލެއް ޓެސްޓްކޮށްފަ އެވެ. އީރާނުން ކުރިން ވަނީ 2،000 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލް ވެސް ޓެސްޓްކޮށްފަ އެވެ. މިއީ އިޒްރޭލަށް ހަމަލާ ދެވޭވަރުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ. އީރާނުންް އެމެރިކާ އަށް ހަމަލާ ދެވޭނީ 10،000 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.