ގައުމު ސަލާމަތް ކުރަން ވެނެޒުއެލާ ސިފައިންނަށް ޓްރަމްޕް ގޮވާލައްވައިފި

ވޮޝިންޓަން (ފެބްރުއަރީ 19) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަށް ސަޕޯޓް ކުރުން ދޫކޮށްލުމަށް ފަހު ގައުމު ސަލާމަތް ކުރުމަށް އެ ގައުމުގެ ސިފައިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.


މިއާމާގައި ދެއްވި ތަގްރީރެއްގައި ޓްރަމްޕް ވަނީ މަދޫރޯގެ ސަރުކާރަށް ތާއީދު ކުރާ މީހުން ދަނީ އެ މީހުންގެ ކުރިމަގު ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ރައްދު ދެއްވައި މަދޫރޯ ވިދާޅުވީ "އެއީ ނާޒީ ސްޓައިލް" ތަގްރީރެއް ކަމަށެވެ. އަދި ޓްރަމްޕަށް ވެނެޒުއެލާ ސިފައިން ރައްދު ދިނުމުގެ ގޮތުން ސަރުކާރާ އެކު އެ މީހުން އޮތްކަން އިތުރަށް ދައްކާނެ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގޮތުން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށާއި އާ އިންތިޚާބެއް ވެސް ނުބާއްވާނެ ކަމަށް މަދޫރޯ ވިދާޅުވި އެވެ. މަދޫރޯ މިހެން ވިދާޅުވި އިރު އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން މިހާރު ވަނީ ވެނެޒުއެލާގެ ރައީސް އަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ބަލައިގެންފަ އެވެ.

މަދޫރޯ ވަނީ އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން ވަންނަ މައްސަލަ ކުށްވެރި ކުރައްވައިފަ އެވެ.