އެހީގެ ތަކެތި ނުވައްދަން ވެނެޒުއެލާގެ ބޯޑަރު ބަންދުކޮށްފި

ކަރާކަސް (ފެބްރުއަރީ 23) - ކޮލަމްބިއާއާވީ ފަޅިން ބޯޑަރު ބަންދުކޮށްފައިވާ ކަމަށް ވެނެޒުއެލާ އިން މިއަދު ބުނެފި އެވެ.


ވެނެޒުއެލާ ސަރުކާރުން މި ފިޔަވަޅު އަޅާފައި ވަނީ އެމެރިކާ އިން ގެނެސްފައިވާ އެހީގެ ތަކެތި އެ ގައުމަށް ވެއްދުން ހުއްޓުވުމަށެވެ. އެމެރިކާ އިން ފޮނުވި އެތައް ސަތޭކަ ޓަނެއްގެ އެހީގެ ތަކެތި ހުރީ ކޮލަމްބިއާ ބޯޑަރު ސަރަހައްދުގަ އެވެ. އެ ތަކެތި ވެނެޒުއެލާ އަށް އެތެރެ ކުރަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.

ވެނެޒުއެލާގެ ނައިބް ރައީސް ޑެލްސީ ރޮޑްރިގޭޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑަރު ބަންދު ކުރަން ޖެހުނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެހެން ހީވުމުން ކަމަށެވެ.

އެމެރިކާ އިން އެހީގެ ތަކެތި ފޮނުވީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯގެ އެދިވަޑައިގަތުމަކަށެވެ. ހުއާން މިދިޔަ މަހު ވަނީ ގައުމުގެ ވެރިއަކީ އޭނާ ކަމަށް އަމިއްލަ އަށް އިއުލާންކޮށްފަ އެވެ.

ވެނެޒުއެލާގެ ވެރިކަމަށް 2013 ވަނަ އަހަރު ނިކޮލަސް މަދޫރޯ ވަޑައިގެންނެވި ފަހުން ގައުމުގެ ހާލަތު ވަނީ ވަރަށް ދަށްވެފަ އެވެ. ދެ ވަނަ ދައުރަކަށް އޭނާ ވަނީ ޖެނުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ.

ވެނެޒުއެލާގެ އިގްތިސާދު ދަށްވެ ތަކެތީގެ އަގު ބޮޑުވުމުން ބޭސް ފަދަ އަސާސީ ތަކެތި ގަންނަން ގިނަ ބަޔަކަށް ވަނީ ދަތިވެފަ އެވެ.